22 Oct 2016, 16:19
އެމެރިކާގެ ރައީސްކަމަށް ހިލަރީ ކްލިންޓަން ހޮވުމަށްޓަކައި ރިޔާސީ އިންތިޚާބު ނަތީޖާ އޮވާލުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހުންގެ ދެބައިކުޅަ އެއްބައިމީހުން ދެކޭކަން ޚިޔާލުހޯދުމުގެ ސާވޭއަކުން މިދިޔަ ހަފްތާތެރޭގައިވަނީ ހާމަވެގެން ގޮސްފައެވެ.
ރޮއިޓާސް އާއި އިޕްސޮސް ގުޅިގެންކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުން ޓްރަމްޕް ފޭލްކޮށްލުމަށްޓަކައި ރިޔާސީ އިންތިޚާބު ނަތީޖާ އޮވާލުމަކީ އެމެރިކާގެ ކަމާބެހޭ މުއައްސަސާތަކުން ކޮށްފާނެކަމެކެވެ. މިއާއެކު ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބު ނުކުރެވިއްޖެނަމަ އެ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ޓްރަމްޕަށް ތާއީދުކުރާ މީހުންގެ ދެބައިކުޅަ އެއްބައިމީހުން ބުނެފައިވެއެވެ.
ޓްރަމްޕްވަނީ އެމެރިކާގެ މީޑިޔާއާއި ބޮޑެތި ކުންފުނިތަކާއި ސަރުކާރާއި ކޮންގްރެސްއާ އަދި އިންތިޚާބާބެހޭ އިދާރާވެސް ހިލަރީގެ ކޮޅަށްޖެހި ފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕަކީ އެމެރިކާގައި ޒަމާނުއްސުރެ އޮންނަ މުއްސަނދިންނަށް މޮޅުގޮތް އަދި ނިކަމެތިންނަށް ދެރަގޮތް މިސަގާފަތާ އިދިކޮޅަށް މަސައްކަތް ކުރައްވާ އަދި ހަރުކަށިކަން ކުރިޔަށް ނެރުއްވާ ބޭފުޅެކެވެ.
އެމެރިކާގެ މީޑިޔާ ހިލަރީގެ ކޮޅަށް ބުރަވެފައިވާ މިންވަރު ހާމަވަނީ ވިކިލީކްސް އިން ބޭރުކޮށްލި ހިލަރީގެ ފަޟީހަތްތަކާއެކުވެސް އެމެރިކާގެ މީޑިޔާއިން އެކަން މާބޮޑު ކަމަކަށް ހަދާފައެއް ނުވެއެވެ. ނަމަވެސް އަންހެނުންގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނަގޮތަށް ޓްރަމްޕް ދެއްކެވި ވާހަކަތައް ބޭޒާރުވުމުން އެކަން އެމެރިކާގެ މީޑިޔާއިން ވަނީ ވަރަށްބޮޑު ކަމަކަށް ހަދާފައެވެ.
ވިކިލީކްސް އިން ބޭރުކޮށްލި ހިލަރީގެ ފަޟީހަތްތަކުގެ ތެރޭގައި އައިއެސް ޖަމާއަތަށް އެހީވުމާބެހޭގޮތުން އޭނާގެ ޚާރިޖީ ވަޒީރު ކަމުގައި ކުރައްވާފައިވާ މުޢާމަލާތްތަކާބެހޭ މައުލޫމާތާއި ވިކިލީކްސްގެ ވެރިޔާ ޖޫލިޔަން އަސާންޖް ހިމާޔަތް ހޯއްދައިގެން ހުންނެވި، އިކުއެޑޯ އެންބަސީ (ލަންޑަންގައި ހުންނަ) އަށް ބޮންއަޅަން ހިލަރީ ރޭއްވެވިކަމުގެ މައުލޫމާތުވެސް ހިމެނެއެވެ. ހިލަރީ ފަޟީހަތްވާ މިފަދައެއްވެސް މައުލޫމާތެއް އެމެރިކާގެ މީޑިޔާ (އެމެރިކާގެ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކުން ކޮންޓްރޯލްކުރާ) ގެ ސަމާލުކަމަށް އައިސް ފައެއް ނުވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކަށާއި ކަންކޮޅުތަކަށް އަތްގަދަ ކުރުމަށްޓަކައި އެކިތަންތަނުގައި އަސްކަރީ ބޭސްތައް ހަދައިގެން ކޮންމެ އަހަރަކު އެމެރިކާގެ އާންމުންގެ ޓެކްސް ފައިދާއިން އެމެރިކާގެ ސަރުކާރުތަކުން ކުރަމުން ގެންދާ ބޭކާރު އަދި އިސްރާފު ޚަރަދުތަކާދެކޮޅަށް ޓްރަމްޕް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
މިއީ މިކަންކަމުން ކޮންމެ އަހަރަކު އެތަށް ބިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ ފައިދާ އެމެރިކާގެ މުއްސަނދި އެލީޓުން ހިންގާ ހަތިޔާރުގެ ކުންފުނިތަކަށް ލިބޭކަމެކެވެ. ޓްރަމްޕް ރައީސްކަމަށް އިންތިޚާބުކޮށްފިނަމަ އެމެރިކާގެ ބަޖެޓުން ކޮންމެ އަހަރަކު ނަގާ މިފައިދާތައް ނުނެގިދާނެ ކަމުގެ ބިރު އެކުންފުނިތަކުގެ ވެރިން އިޙްސާސް ކުރައްވައެވެ. އެމެރިކާއަކީ ބޮޑެތި ކުންފުނިތަކުން ކޮންޓްރޯލް ކުރާ ގައުމެކެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ އަޑުފެތުރިނަމަވެސް މިކަން އެމެރިކާގައި އޮންނަނީ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކުގެ މަސްލަހަތު ތަންދޭ ހާލަތްތަކުގައި އެކަންޏެވެ.
އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕަކީ ހަރުކަށި އަދި މުސްލިމުންނާ ދެކޮޅަށް ފާޅުގައި ބަދުބަސް ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް ޓްރަމްޕްގެ ވާދަވެރިޔާ ހިލަރީ ކްލިންޓަނަކީވެސް އޭނާގެ ނުރައްކާތެރިކަން މުސްލިމުންނަށް ވަކި ކުޑަބޭފުޅެއް ނޫނެވެ. އަދި އެމެރިކާގައި މިހާތަނަށް ވެރިކަންކޮށްފައިވާ އެހެން ރައީސުންނަކީވެސް އެމީހުންގެ ނުރައްކާ މުސްލިމުންނަށް ވަކިން ކުޑަ ބައެއް ނޫނެވެ.
ތަފާތަކީ ހިލަރީވެސް އަދި އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ އެހެން ބޭފުޅުން ވެސް ޓްރަމްޕް ދައްކަވާގޮތަށް ފާޅުގައި މުސްލިމުންނާ ދެކޮޅަށް ވާހަކަ ނުދައްކަވައި އަމަލުން އެކަން ކުރައްވަމުން ގެންދެވުމެވެ.
އިރާގާއި އަފްޣާނިސްތާނަށް އެމެރިކާ އަރައިގަނެ އެ ދެގައުމުން ކުށެއްނެތް ދެމިލިޔަނެއްހާ މުސްލިމުން މަރާލީ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައެވެ. އަދި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ދީގެން ގަދަބާރުން ސޫރިޔާގެ ވެރިކަން ބަދަލުކުރުމުގެ ހަނގުރާމަ ފަށާފައިވަނީ އޮބާމާގެ ވެރިކަމުގައެވެ. މުޅި ސޫރިޔާ ހަލާކުވެ އެގައުމުގެ ރައްޔިތުން ފަނާވަމުންދަނީ ކޮންމެ އަގެއް ދައްކައިގެންވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެމެރިކާގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. ބައްޝާރުގެ ވެރިކަން ނުވެއްޓުނު ނަމަވެސް އެވެރިކަން ވައްޓާލުމުގެ ކަންތައް ދޫނުކުރުމުގެ ސަބަބުންނެވެ.
މީގެއިތުރުން ލީބިޔާގެ ގައްޒާފީގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި ލީބިޔާއަށް ވައިގެ ހަމަލާތައްދީ އަސްކަރީ ގޮތުން އެގައުމަށް އެމެރިކާ ވަދެގަތީވެސް އޮބާމާގެ ވެރިކަމުގައެވެ. ގައްޒާފީގެ ވެރިކަން ރަނގަނޅު ނޫންވެފައި އޭނާ ޑިކްޓޭޓަރަކަށް ވިނަމަވެސް އޭނާގެ ލީބިޔާގެ ރައްޔިތުންގެ ތެރޭގައި ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުންނެއް ނެތެވެ. ރެފިއުޖީންނެއް ނެތެވެ. ހަމަނުޖެހުމެއް ނެތެވެ. ނަމަވެސް ގައްޒާފީގެ ވެރިކަން އެމެރިކާގެ އެހީގައި ވައްޓާލުމުން ލީބިޔާގެ ރައްޔިތުންގެ 10 އިންސައްތަ މީހުންވަނީ ހާލުގައިޖެހި ރެފިއުޖީންނަށް ވެފައެވެ. އަދި ލީބިޔާގައި ހަނގުރާމަވެރި ޖަމާއަތްތައް އުފެދި ޓެރަރިޒަމްގެ ހާއްޔަކަށްވެފައިވާއިރު ވާދަވެރި ތިން ސަރުކާރު އޮވެ އެއްސަރުކާރު އަނެއް ސަރުކާރާ ތަޅާފޮޅަން ފެށުމުން ލީބިޔާ ވަނީ ފެއިލްޑް ސްޓޭޓް އަކަށް (ނާކާމިޔާބު ދައުލަތަކަށް) ވެފައެވެ.
މީގެއިތުރުންވެސް އޮބާމާގެ ވެރިކަމުގައި ޑްރޯން ހަމަލާތައް ދީގެން އަފްޣާނިސްތާނާއި ޕާކިސްތާނާއި ޔަމަނާއި ސޮމާލިޔާއިން ކުށެއްނެތް އެތަށް ހާސް މުސްލިމުންނެއް އެމެރިކާއިން މަރާފައިވެއެވެ. އަދި އޮބާމާގެ ވެރިކަމުގައި އެމެރިކާއިން އައިއެސް ގެ ޓެރަރިޒަމަށް އެހީވާކަމުގެ ބޮޑެތި ހެކިތައްވެސްވަނީ ފެނިފައެވެ.
ޓްރަމްޕްވަނީ އޭނާ އެމެރިކާގެ ރައީސް ކަމަށް ނުހޮވިއްޖެނަމަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާނީ އެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ޙާލަތެއްގައި ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ މުއައްސަސާތަކުގެ އިތުބާރު ރައްޔިތުންނަށް ގެއްލި އެމެރިކާގެ އެތެރޭގައި އަރާރުން އުފެދި ދާޚިލީ ހަނގުރާމައަކަށް މަގުފަހިވުމުގެ ނުސީދާ ބިރު އެބޮއޮތް ކަމަށް މުހައްލިލުން ދެކެއެވެ.
އެމެރިކާއަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ދޮގުހެދުމާއި މަކަރާއި އޮޅުވާލުމުގެ އަމަލުތައް އިންތިހާއަށް ކުރަމުން ގެންދާ ގައުމެކެވެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އެމެރިކާގެ ސަރުކާރުންނާއި އެގައުމުގެ ޖާސޫސީ އިދާރާތަކުން ފާޅުގައި ދޮގު ހެދިކަން މުޅި ދުނިޔެއަށްވަނީ ބޭޒާރު ވެފައެވެ. މިއީ ހަގީގަތް ކަމަށްވާއިރު އެމެރިކާގެ އެތެރޭގެ މަސްލަހަތާ ގުޅޭ ކަންކަމުގައިވެސް އެމެރިކާގެ މުއައްސަސާތަކުން ދޮގުހެދުމާއި މަކަރާއި އޮޅުވާލުމުގެ އަމަލުތައް ނުހިންގާނެ ކަމުގެ އެއްވެސް ގެރެންޓީނެތެވެ. އެމެރިކާގެ އެތަށްބަޔަކު މިކަން ގަބޫލުވެސް ކުރެއެވެ. އެމެރިކާއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ކޮންމެވެސް ވަރަކަށް އަމަލުކުރާ ގައުމެއް ނަމަވެސް އެމެރިކާއަކީވެސް ޑިމޮކްރެސީގައި އެއްވެސް ވަރަކަށް ނަމޫނާ ގައުމެއް ނޫނެވެ. އަދި އެމެރިކާއަކީ އެގައުމުގެ މުއްސަނދިންނާއި ކުންފުނިތަކުގެ މަސްލަހަތަށްޓަކައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ހަމަތައް ގުރްބާން ކުރުމުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި އެއް ގައުމަކުން އެންމެ ގިނައިން މީހުން މެރިގައުމަކަށް އެމެރިކާ ވެފައިވަނީވެސް އެމެރިކާއަކީ ބޭނުންވެއްޖެ ހިނދެއްގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ގުރްބާން ކުރާ ގައުމަކަށްވާތީއެވެ.