ރާއްޖޭގެ އެކި ކަންކޮޅުތަކުގައިކުޅިވަރު މަވައްތިނިތަރައްގީކޮށް ކުރިއެރުވުމަށް ވޭތުވެދިޔަ ތިން ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 154.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދިޔަ "ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރ"ގައި ތަގުރީރުކުރައްވަމުން، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ.

ސަރުކާރުން ހިންގާ ކުޅިވަރު އެރީނާ މަޝްރޫއުގެ ދަށުން ގދ. ގައްދޫގައި އަޅާފައިވާ ފުޓްސަލް ދަނޑު--- ފޮޓޯ: ޔޫތު މިނިސްޓްރީ

އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވަކިވަކިން އޮތް ކުދިކުދި ރަށްތަކެއްގެ މަޗަށް މި ގައުމު އުފެދިފައިވުން ކަމަށެވެ. ކަން އެހެން އޮތްނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "ސްޕޯޓްސް އެރީނާ" ގާއިމުކޮށްދެއްވާނޭ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންފައި ވާ ކަމަށާއި އެގޮތުން އެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިއަށް ދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"މި ސްޕޯޓްސް އެރީނާ ތަކުގައި ތަފާތު ކުޅިވަރުތައް ކުޅޭނޭ ދަނޑުތަކާއި ކޯޓުތައް ހިމެނޭ. މިއީ ހަމައެކަނި ކުޅިވަރަށް ހާއްސަ ތަންތަނެއް ނޫން، މިއީ އެ ރަށްރަށުގެ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް އަމާން، އުފާވެރި މާހައުލެއް ގާއިމުކޮށްދޭ ތަންތަން،" 'ސްޕޯޓްސް ޑިވޮލޮޕްމަންޓް އެންޑް ޕީސް'އާ ގުޅޭގޮތުން ދެއްވި ތަގުރީރުގައި މިނިސްޓަރު ވިދާޅުވިއެވެ.

"މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސްޕޯޓްސް އެރީނާތައް ގާއިމުކުރުމުގެ މަޝްރޫއަށް މިހާތަނަށް މި ސަރުކާރުން ވަނީ 10 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައި."

ޖަޕާނުގެ ޓޯކިޔޯގައި ނޮވެމްބަރު 20-21އަށް ބޭއްވި "ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރ"ގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގަންނަވަނީ --

މިނިސްޓަރު ވިދާޅުވީ، ގައުމުގެ ޒުވާނުންގެ ބޭނުން ހެޔޮގޮތުގައި ހިފައި އެ ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމަށް ކުޅިވަރަކީ މުހިއްމު ވަސީލަތެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާކަމަށެވެ. އެގޮތުން ސްޕޯޓްސް އެރީނާ މަޝްރޫއުތައް ތަރައްގީކުރުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ޒުވާނުންގެ ހުސްވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް، ކުޅިވަރު އެކުވެނިތައް ގާއިމުކޮށް، އެތަންތަނުގައި ރައްކާތެރިކަމާއެކު ތަފާތު ކުޅިވަރުތައް ކުޅެވޭނޭ މާހައުލެއް ގާއިމްކޮށްދިނުން ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުޅިވަރަކީ، ހަމައެކަނި މުނިފޫހިފިލުވާލުމަށް ކުރާކަމެއްގެ އިތުރުން، އާމްދަނީ ލިބޭނޭ ވަސީލަތަކަށް ވެސް ވެފައިވާއިރު، ގައުމީ ފެންވަރުގެ ކުޅުންތެރީންނަށް އަދުގެ ސަރުކާރުން އުޖޫރައެއްވެސް ދޭންފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ގައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރީންގެ މުސާރައަށް 15.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިމަހުގެ 20-21 އަށް ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި "ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރ"ގައި ރާއްޖޭގެ އިތުރުން އޭޝިއާގެ 36 ގައުމެއްގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވާ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

-------

* ނޯޓް: ކުޅިވަރު މަވައްތިނި (ސްޕޯޓްސް އިންފްރާސްޓްރަކްޗަރ)