އދ. މާމިގިލީ ކައިރި އޮންނަ އަރިޔަދޫ ނަމަކަށް ކިޔާ ފަޅުރަށެއް މާމިގިލީ ރައްޔިތުންގެ ބޭނުމަށް ދިނުމަށް އެ ރަށު ޖަމިއްޔާއަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދަންނަވައިފި އެވެ.

ގާތްގަނޑަކަށް 5000 އެއްހާ މީހުން ދިރިއުޅޭ މާމިގިލީގެ ބިމުގެ ދަތިކަން ބޮޑުވެ، ދަނޑުވެރިކުރުމާއި މޫދަށް އެރި އުޅޭނެ ސަރަހައްދެއް އެ ރަށަކު ނޯވެ އެވެ.

މާމިގިލީ ޑިވެލޮޕްމެންޓް ސޮސައިޓީ (އެމްޑީއެސް) އިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ވެސް އާންމުކޮށް މީހުންނަށްދެވޭ ފަޅުރަށެއް ނުވަތަ ފިނޮޅެއް ނޯންނަ ކަމަށާއި ސަރުކާރުން ޒަމާނުންސުރެ އަމިއްލަ ފަރާތަކަށް ދީފައިވާ އަރިޔަދޫ އެރަށު ރައްޔިތުންގެ ބޭނުމަށް ދިނުމަށް އެދޭ ކަމަށެވެ.

އަރިޔަދޫއަށް އެޖަމިއްޔާގެ މެމްބަރުންތަކެއް ގޮސް ބެލިބެލިމުން އެ ރަށުން ކުރާ މަސައްކަތަކަށް ފާހަގަކުރެވެނީ ކާށި މާލެ ފޮނުވައިގެން ވިއްކުން ކަމަށާއި އެއަށް ވުރެ ރަނގަޅަށް އެރަށް ބޭނުން ކުރުމަށް މާމިގިލީ ރައްޔިތުންނަށް އެރަށް ހަވާލުކޮށްދިނުމަށް އެޖަމިއްޔާ އިން އެދިފައިވެ އެވެ.

މުޅި ރަށް މާމިގިލީ ރަށްޔިތުންނަށް ނުދެވޭ ނަމަ، އެ ރަށުގައި އޮންނަ ސަރުކާރުގެ ބައި މާމިގިލީ ރަށްޔިތުން ބޭނުން ކުރުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.