އެސެކާ (އޮކްޓޯބަރު 22): ކެމެރޫންގެ ވެރިރަށް ޔައޮންޑޭއިން ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ރޭލެއް ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން އޭގެ ތެރޭގައި ތިބި 55 މީހަކު މަރުވެއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އެޑްގާ މެބެންގޫ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވި ގޮތުގައި އިއްޔެ އެހާދިސާ ހިނގީ އާއްމުކޮށް އެރޭލުން ދަތުރު ކުރާ ވަރަށް ވުރެ ގިނަ މީހުން އެރޭލުން ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ އެސަރަހައްދުގައި އޮންނަ ހައިވޭއެއް އެދުވަހު ވެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭޕީގައިވާ ގޮތުން އެރޭލުން އާއްމުކޮށް ދަތުރު ކުރަނީ 600 ވަރަކަށް މީހުން ނަމަވެސް އިއްޔެ ރޭލުގައި 1،300 މީހުން ތިބި އެވެ.

ފަންސާސްފަސް މީހަކު މަރުވުމުގެ އިތުރުން 300 ވަރަކަށް މީހުންނަށް އަނިޔާވި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް މިނިސްޓަރު މެބެންގޫ ވިދާޅުވި އެވެ. އަދި މިހާރު އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ކެމެރޫންގެ ރައީސް އޮފީހުން ބުންޏެވެ. (ބީބީސީ)