22 Oct 2016, 13:24
މިދިޔަ ބުދަ ދުވަހު ހިންގި އަލިފާނުގެ ހާދިސާގައި މީހަކާ އެކު އެނދި ބަރޯސާ ބޯޑުގެ 90 ޕަސެންޓް އަނދާފައިވާ ކަމަށް ބޯޓްގެ ވެރިފަރާތްކަމަށްވާ، މޯލްޑިވްސް މެރިން ޕުރޮޑަކްޓް(އެމްއެމްޕީ) އިން ބުނެފި އެވެ.
އެމްއެމްޕީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓުގައި އަލިފާންރޯވެ އެނދީ ބޯޓު މަރާމާތު ކުރާތާ ފަސް ވަރަކަށް މަސް ފަހުން ކަމަށާއި އެކަމަށް އަށް ލައްކަ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. އެ ބޯޓް ވަނީ އިންޝުއަރެންސްކޮށްފައިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯޓުގެ 90 ޕަސެންޓް ވަނީ އެއްކޮށް އަނދާ ހުލިވެފައި، ދެން މިބޯޓް ބޭނުންކުރަންޔާމު ސީދާ ބޯޓެއް ގަތުމެކޭ އެއް އަގަކަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އެއަލިފާނުގެ ހާދިސާގައި ބިދޭސީއެއް ފިހި ވަނީ މަރުވެފަ އެވެ. އެބިދޭސީ މީހާއަކީ ބަރޯސާ ބޯޓްގެ ވެރިފަރާތްކަމަށްވާ، އެމްއެމްޕީ އިން ބަލަހައްޓާ ފަޅު ރަށެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ބޯޓަށް ގެނައީ އެބޯޓުގައި ކުރަމުންދާ މަސައްކަތް އަވަސް ކުރުމުގެ ބޭނުމުގަ އެވެ. އެބޯޓުގައި އެވަގުތު ކުރަމުން ދިޔަ މަސައްކަތަކީ ބޯޓް މަރާމާތު ކުރުމުގެ މަސައްކަތެވެ. މަސް ފަދަ އެއްވެސް މުދަލެއް އެއަކު ނެތެވެ.
ސިފައިން މައުލޫމާތުދޭ ގޮތުގައި ބޯޓުގައި އަލިފާންރޯވީ މަސައްކަތެއް ކުރަން އުޅުމުގެ ތެރެއިންނެވެ.
އެމްއެމްޕީގެ އޮފިޝަލް ވިދާޅުވީ ތިން ފަލްކާ ހުންނަ އެބޯޓުގައި އަލިފާން ހިފީ ދެ ވަނަ ފަލްގާގައި މަސައްކަތެއް ކުރަނިކޮށް ކަމަށެވެ. މަސް އުފުލާ ބޯޓަކަށްވުމުން ފިނިކުރުމަށް ބޯޓުގެ އެތެރެ ތައްޔާރުކޮށްފައި ވަނީ ލަކުޑި އާއި ފޯމް ހިމެނޭ ގޮތަށެވެ.
"މަހެއް ނުހުންނާނެ، މިއީ މަސައްކަތް ކުރަމުންދިޔަ އެއްޗެއް، ބަރޯސާއަކު އެއްވެސް މުދަލެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެބޯޓުގައި މަސައްކަތްކުރި ބައެއް ފަޅުވެރިން ސަން އަށް މައުލޫމާތުދޭ ގޮތުގައި އެބޯޓުގައި އުޅޭ މުވައްޒިފުންނަށް މުސާރައެއް ނުދެ އެވެ.
ނަމަވެސް އެމްއެމްޕީގެ އޮފިޝަލް އެކަން ދޮގުކުރެ އެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި ބަރާބަރަށް މުސާރަ ދޭ ކަމަށެވެ.
"ބަރާބަރަށް މުސާރަ ދެމުންދަން، ނުލިބެއޭ ކަނޑައެޅިގެން ދޮގެއް، މުސާރަ ބަރާބަރަށް ލިބެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
އެބޯޓް އެންމެ ފަހުން ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގަ އެވެ. އެއީ މަސް ހިފައިގެން ތައިލެންޑަށެވެ. އެމްއެމްޕީ ކުންފުނީގައި މިހާރު އޮންނަނީ ބޭރަށް މަސް ބޭރު ކުރާ އެންމެ ބޯޓެކެވެ.