ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު، އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިތުރުން އޭޝިއާގެ 36 ގައުމެއްގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއެކު މިމަހުގެ 20-21 އަށް ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި "ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރ"ގައި ތަގުރީރުކުރައްވަމުން، މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާ އިހުނަށް ވުރެ ވަރުގަކޮށް އާ އުސްމިނަކަށް ގެންދިއުމަށްޓަކައި، 2015 ވަނަ އަހަރުގެ ތެރޭގައި ކުޅިވަރާބެހޭ ގާނޫނެއް އެކުލަވައިލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ގާނޫނުގެ ސަބަބުން، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާއި، ކުޅިވަރާބެހޭ ގައުމީ މަޖިލީސް އުފެދި، ރާއްޖޭގެ ކުޅިވަރުގެ ގައުމީ ޖަމިއްޔާތަކާއި، އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ބާރުވެރިވެ، ކުރިއަށްދިއުމުގެ މަގު އިތުރަށް ފަހިވެގެން ދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ކުޅިވަރާބެހޭ ގާނޫނުގެ ސަބަބުން، ރާއްޖޭގައި ތަފާތު ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް، އިޖްތިމާއީ އަދި ގައުމީ ފެންފަރުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަ ކަމާއެކު ކުރިއަށް ގެންދިއުމުގެ ދޮރު ހުޅުވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ރާއްޖޭގައި އަލަށް އެކުލަވައިލެވުނު ގާނޫނީ އޮނިގަނޑުގެތެރޭން، ސްޕޯޓްސް ކޮމިޝަނަރެއް އަންޔަނުކޮށް، ކްލަބު ޖަމިއްޔާ، ޖަމާއަތްތައް ޒިންމާދާރުކަމާއެކު ކުރިއަށް ދޭތޯ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ގައުމެއްކަމަށް ވީހިނދު، ރައްޔިތުންނަށް ހަމަހަމަކަމާއެކު ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމުގައި ވީނަމަވެސް، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރު އެރީނާއެއް ގާއިމުކޮށްދިނުމުގެ ވައުދާއެކު، އެ މަޝްރޫއު ކާމިޔާބުކަމާއެކު ހިންގަމުންކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ އެޓުލީޓުން މިއަދު ދަނީ މިއިން ޒަމާނެއްގައި ވެސް ނުދެކޭފަދަ ކާމިޔާބު އަހަރުތަކެއް ގުނަމުން ކަމަށާއި، ރާއްޖޭގެ އެތުލީޓުންނަށް އިތުރަށް ކުރިއަށް ދިއުމަށްޓަކައި ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް ގާއިމުކޮށްދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ބައިނަލްއަގްވާމީ ފެންވަރުގެ އެތުލެޓިކްސް ޓްރެކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުޅިވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ގުޅުވައިދޭ އެންމެ ނުފޫޒުގަދަ ވަސީލަތްކަމަށް ވީހިނދު، ކުޅިވަރު އާލާކޮށް ދިރުވުމަށް ބައިނަލްއަގްވާމީގޮތުން ވެސް ރާއްޖޭން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.