22 Oct 2016, 10:42
ވޮޝިންޓަން(އޮކްޓޯބަރު 22): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަނަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އެގައުމުގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވަނީ މީގެ ކުރިން ހިލަރީ ކްލިންޓަނަށް ފާޑު ވިދާޅުވެފައި ކަމަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިއްޔެ އުތުރު ކެރޮލައިނާގައި އޮތް ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި 2007 ވަނަ އަހަރު ރައީސް ބަރަކް އޮބާމާއަށް ކެމްޕޭން ކުރައްވަމުން މިޝޭލް ވަނީ ހިލަރީ ވެރިކަމަށް ކުފޫ ހަމަނުވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.
"އަޅުގަނޑަށް ފެނޭ އޭނާގެ (އޮބާމާގެ) އަނބިކަނބަލުންނަށް ހިލަރީ ކަމުދާ މިންވަރު. ނަމަވެސް އޭނާ (މިޝޭލް) ނޫންތޯ ވިދާޅުވީ 'އަމިއްލަ ގޭގެ ކަންތައްތައް ނުބެލެހެއްޓޭނަމަ ވައިޓް ހައުސްގެ ނުވަތަ ގައުމުގެ ކަންތައްތައް ނުބެލެހެއްޓޭނެ' ކަމަށް. ކޮބާ އެވާހަކަ މިހާރު؟،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ގަބޫލު ކުރައްވާ ގޮތުގައި މިޝޭލް އެފަދައިން ވިދާޅުވީ ހިލަރީ އާއި ބިލް ކްލިންޓަންގެ ގުޅުމަށް އިޝާރާތް ކުރައްވާފައެވެ.
ނަމަވެސް އޮބާމާގެ ކެމްޕޭނުން ވަނީ އެއީ ހިލަރީއަށް ފާޑު ވިދާޅުވުމުގެ ގޮތުން މިޝޭލް ވިދާޅުވި ބަސްފުޅެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ ކެމްޕޭން ތެރޭގައި އޮބާމާ އާއިލާގެ ކަންތައްތައް ބެލެހެއްޓެވުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެފައެވެ.
"އެހެންކަމުން އަޅުގަނޑުމެން ވަނީ އަޅުގަނޑުމެންގެ ދެ އަންހެންކުދީންނަށް އިސްކަން ދެވޭ ގޮތަށް ދުވަހުގެ ކަންތައްތައް އަތުރާލާފަ،" ޓްރަމްޕް އިޝާރާތް ކުރެއްވި މިޝޭލްގެ ހިތާބުގައި އޭނާ ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން 18 ދުވަހަށް ވެފައި ވާއިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން މިހާރު ދައްކާ ގޮތުގައި ހިލަރީ އަށް 47 ޕަސެންޓު މީހުން ތާއިދު ކުރާ އިރު ޓްރަމްޕަށް ތާއިދު ކުރަނީ 43 ޕަސެންޓު މީހުންނެވެ. (ބީބީސީ)