22 Oct 2016, 09:17
މިދިޔަ ބުދަދުވަހު ހެނދުނު، ކ. ތިލަފުށީ ކައިރީ އަޅާފައި އޮތް އާގުބޯޓެއްކަމަށްވާ "ބަރޯސާ"ގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. ވަކިވަކި ފަރުދުން އެމީހެއްގެ ސަލާމަތްހޯދުމަށް އަމިއްލައަށް ސަލާމަތްވެ އެންމެން އެއްކޮށް ބެލިއިރު 19 މީހުން އުޅޭ އެބޯޓުން އެކަކު މަދުކަން ފާހަގަކުރެވުނެވެ. އެކަކު ގެއްލިފައިވާ އެ ބޯޓުން އިއްޔެ މިވަނީ އެކަކު އަނދާފައި އޮއްވައި ފެނިފައެވެ. ގާތްގަނޑަކަށް ޔަގީން ކުރެވިފައިވާގޮތުގައި އެއީ މަދުވި ބިދޭސީމީހާ އެވެ.
އެބިދޭސީ މީހާއަކީ ބަރޯސާ ބޯޓްގެ ވެރިފަރާތްކަމަށްވާ، މޯލްޑިވްސް މެރިން ޕުރޮޑަކްޓް(އެމްއެމްޕީ) އިން ބަލަހައްޓާ ފަޅު ރަށެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ބޯޓަށް ގެނައީ އެބޯޓުގައި ކުރަމުންދާ މަސައްކަތް އަވަސް ކުރުމުގެ ބޭނުމުގައެވެ. އެބޯޓުގައި އެވަގުތު ކުރަމުންދިޔަ މަސައްކަތަކީ ބޯޓް މަރާމާތު ކުރުމުގެ މަސައްކަތެވެ.
އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ، ސަލާމަތީ ބާރުގެ އިސް ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި ބެލެވޭގޮތުގައި އޭނާ މަރުވެފައިވަނީ ބޯޓްގައި ރޯވި ފުރަތަމަ ބުރުގައި އަނދައިގެން ގޮސްގެންނެވެ. ކަށިތައް ފެނިގެން ބެލިއިރު އޭނާ ފެނިފައިވަނީ މަސައްކަތް ކުރަން ހުރި ފަލްކާއަށްވުރެ އަޑިއަށް ވެއްޓިފައި އޮށްވައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ފަލްކާއެއް ތިން ބަޔަށް ހަދާފައި ހުންނައިރު އޭނާ މަސައްކަތުގައި ހުރީ ފުރަތަމަ ފަލްކާގެ އެންމެ މަތީގައެވެ. ކަށިތައް ފެނުނުއިރު ފެނުނީ ދެވަނަ ބައިގައެވެ. އަލިފާންރޯވި ވަގުތު އޭނާ އާއެކު އިތުރު ދެމީހުން އެ ފަލްކާގައި މަސައްކަތް ކުރަން ތިބިކަމަށާއި އެމީހުން އަމިއްލަ މަސައްކަތުން ސަލާމަތްވިއިރު އެ ބިދޭސީ މީހާއަށް ސަލާމަތް ނުވެވުނީ ކަމަށް މިހާތަނަށް ތަހުގީގުން ދައްކައެވެ.
"އިތުރު ތިން މީހުން އެތަނުގައި މަސައްކަތް ކުރަން އުޅުނު. އެތަނުން ދެ މީހުން ސަލާމަތްވި. އެކަކު ފެށުނީންސުރެވެސް ނުފެނޭ. އޭނާގެ ކަށިތައް މިފެނުނީ ކަމަށް ބެލެވެނީ،" ސަލާމަތީ ބާރުގެ އިސް ފަރާތުން ވިދާޅުވިއެވެ.
އޭނާ ފެނުނީ ދެ ދުވަސް ފަހުން
އެ ބިދޭސީ މީހާ ވީ ބޯޓު އަޑީގައިކަން އެދުވަހުވެސް ފަޅުވެރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް ސިފައިންނަށް ބޯޓް އަޑިއަށް ވަދެވޭވަރުވީ އިއްޔެއެވެ. އިއްޔެ ބެލިއިރު ފެނިފައިވަނީ އޭނާގެ ކަށިތަކެވެ.
"އަޅުގަނޑުމެން ބެލިން ރޯވި ދުވަހުވެސް އަދި އޭގެ އަނެއް ދުވަހުވެސް ވަދެވޭތޯ އެތެރެއަށް. އެކަމަކު ހޫނު ގަދަވީމައާ އެއްކޮށް އަލިފާން ރޯވެފައި ހުރީމަ ނިވާފަތާ ވަދެވޭނީ އެހެންވެ ލަސްވީ،" އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ވިދާޅުވިއެވެ.

އެބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އިއްޔެއެވެ. އެއީ 36 ގަޑިއިރު މެދުނުކެނޑި އަލިފާން ނިއްވަން ކުރި މަސައްކަތުންނެވެ. ސިފައިން ގަބޫލު ކުރާގޮތުގައި އެބޯޓް އަޑިޔަށް ނުގޮސް ސަލާމަތް ކުރެވުނުކަން އެއީ ބޮޑު ކާމިޔާބީއެކެވެ.
"ބޯޓް ނިވާލެވުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އާންމުގޮތެއްގައި ބޯޓް ފަދަ ތަކެތި ދަނީ ނިވާނުލެވި އަޑިއަށް. ވިކްޓިމްގެ ބޮޑީވެސް ފެނުނު. އެއީވެސް ވަރަށް ބޮޑު ކާމިޔާބީއެއް،" ސިފައިންގެ އިސް ފަރާތުން ވިދާޅުވިއެވެ.
އެބޯޓު ނިއްވާލުމަށް އެތައް ގޮންޖެހުމެއް ކުރިމަތިވިއެވެ. ބޯޓުގައި ގިނައިން ހުރީ ނިއްވާލަން އުނދަގޫ ސާމާނެވެ. ހާއްސަކޮށް ފުރަން ތައްޔާރުވެފައިވާ ބޯޓަކަށް ވުމުން ގިނަ އަދަދެއްގެ ތެޔޮ އެބޯޓުގައި ހުއްޓެވެ.
ރޯވީ މަސައްކަތެއްގެ ތެރެއިން
އެ މަސައްކަތް ތަހުގީގުކުރަމުން އަންނަ ސަލާމަތީ ބާރުގެ އިސް ފަރާތަކުން މައުލޫމާތު ދިންގޮތުގައި މިހާތަނަށް ބެލިބެލުމުން އެބޯޓުގައި އަލިފާންރޯވީ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައެވެ. އަލިފާން ރޯވީވެސް ބޯޓުގެ ފަލްކާގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވި ސަބަބުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެ އަލިފާނުގެ ހާދިސާގައި އެބޯޓް ސަލާމަތްކުރެވުނު ނަމަވެސް އެއަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އަދި މަސް ބަރުކޮށްގެން ފުރަން ތައްޔާރުވެފައިވާ އެބޯޓުން ގިނަ ތަކެތި ވަނީ އަނދައި އަޅިއަށްވެފައެވެ.
ބަރޯސާ ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ގެންދަން ތައްޔާރު ކުރަމުންދާ ބޯޓެކެވެ. މިފްކޯގެ އެ ބޯޓު ވަނީ އަމިއްލަ ކުންފުންޏަކަށް ވިއްކާލާފައެވެ. އެބޯޓުފެ ބައެއް ފަޅުވެރިން މައުލޫމާތު ދޭގޮތުގައި މުވައްޒިފުންނަށް މުސާރަ ނުދޭތާ އެތައް މަހެއްވެއްޖެއެވެ. ނަމަވެސް ބޯޓްގެ ވެރި ފަރާތް ކަމަށްވާ އެމްއެމްޕީ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ބަރާބަރަށް މުސާރަ ދޭ ކަމަށެވެ.