ބެންކޮކުގައި މިއަހަރު ބާއްވަން ނިންމާފައި އޮތް ސައުންޑްސް އޮފް މޯލްޑިވްސްގެ ހަތް ވަނަ އެޑިޝަން ސިންގަޕޫރުގެ ފަތުރުވެރިކަމާ ގުޅުންހުރި ފެއާއަކާ އެކު ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައް މީގެ ކުރިން ވަނީ ކުޑަ ބަނޑޮހާއި ވެރިރަށް މާލެ، ކޮލަންބޯ، ބެންގަލޫރުގެ އިތުރުން ކުއަލަ ލަމްޕޫރު އަދި ދުބާއީގައި ވެސް ބާއްވާފައެވެ.

ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ބެންކޮކްގައި މިއަހަރު ބާއްވަން ތައްޔާރުވަމުންދިޔަ އެސްއޯއެމްގެ މަންޒިލް ސިންގަޕޫރަށް ބަދަލުކުރަން ނިންމީ އެސްއޯއެމްގެ ބްރޭންޑަށް ސިންގަޕޫރުގައި އެންމެ ފުޅާދާއިރާއެއްގައި ފަތުރުވެރިކަމާ ގުޅުންހުރި ފެއާ އިންތިޒާމްކުރާ ފަރާތަކުން ލިބުނު ފުރުސަތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން، ސައުންޑްސް އޮފް މޯލްޑިވްސްގެ ހަތް ވަނަ އެޑިޝަން ދެން ބާއްވާނީ ސިންގަޕޫރުގެ ސަންޓެކް ސިޓީގައި އަންނަ ފެބްރުއަރީ މަހުގެ 24 އިން 26 އަށް ބާއްވަން ހަމަޖެހިފައިވާ ޑައިވިން، ރިސޯޓް އެންޑް ޓްރެވަލް ޝޯ (ޑީއާރުޓީ ޝޯވ) އާއެކު ކަމަށް އިއްސެ ވިދާޅުވި އެވެ.

ޑީއާރުޓީއިން އަހަރެއްގެ ތެރޭގައި ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ހަތް އެކްސްޕޯއެއް އެކި ގައުމުތަކުގައި ބާއްވަމުންދެއެވެ. އަދި އެ އެކްސްޕޯތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ގައުމުތަކުގެ ބައިވެރިވުމާއެކު ކޮންމެ އިވެންޓެއްގައި 150 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

އެގޮތުން، ޑީއާރުޓީގެ އެކްސްޕޯތައް ހޮންގް ކޮންގް، ޝަންހާއީ، ބެއިޖިން، ޓައިވާންގެ އިތުރުން ފިލިޕީންސް އަދި ސިންގަޕޫރުގައި ވެސް ބާއްވާފައިވާއިރު، އާ އެޑިޝަން ހޯސްޓް ކުރަން ނިންމާފައިވަނީ އަވަށްޓެރި އިންޑިއާގައެވެ.

ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝިފްރާޒް ވިދާޅުވީ، ސައުންޑްސް އޮފް މޯލްޑިވްސްގެ އެންމެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުނަރުވެރިންގެ ފަރާތުން ރާއްޖެ ޕްރޮމޯޓްކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމާ ގުޅުންހުރި އެކްސްޕޯއަކާއެކު މިއަހަރުގެ ޝޯ ބޭއްވުމުން، ބޭނުންވާ އަމާޒު ކުރިއަށްވުރެ ބޮޑަށް ހާސިލްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިންގަޕޫރުގައި ޑީއާރުޓީ އެކްސްޕޯގައި ރާއްޖޭގެ ހިދުމަތްތަކާ ޕްރޮޑަކްޓުތައް ދައްކާލުމަށް ބޮޑު ލޮކޭޝަނެއް ލިބޭނެ. އަދި އެސްއޯއެމްގެ މިއަހަރުގެ އެޑިޝަން ސިންގަޕޫރަށް ބަދަލުކުރީ ކަށަވަރުވެފައިވާ ސްޕޮންސަރުންނާއި އާޓިސްޓުންނާއި ބައިވެރިވާ ފަރާތްތަކާ މަޝްވަރާކޮށްފަ،" ހައިރައިޒްގެ އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިންގަޕޫރުގައި މިއަހަރުގެ ޝޯ ބާއްވަން ތައްޔާރު ކަމަށާއި ވޭތުވެދިޔަ އަހަރުތަކާ ހިލާފަށް މިއަހަރުގެ ޝޯ އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

ހައިރައިޒުން ކުރިން ނިންމާފައި އޮތް ގޮތުންނަމަ، ބެންކޮކްގައި މިއަހަރުގެ ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ ހަތް ވަނަ އެޑިޝަން ކުރިއަށްގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ދެ ދުވަހުގެ ރޯޑް ޝޯއެއް ގޮތަށެވެ.