21 Oct 2016, 23:43
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސަތުގައި އެ ޕާޓީއަށް ނައިބް ރައީސް ކަމަށް އައްޔަންކޮށްފައިވާ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ތަރުޖަމާން ކަމަށް އައްޔަންކޮށްފައިވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިކުރަން ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.
ރައީސް ޔާމީނަށް ތާއީދު ކުރާ ސުލޫކީ ކޮމެޓީން އެ ދެ ބޭފުޅުން ވަކިކުރީ، ރައީސް މައުމޫނަށް ތާއީދު ކުރާ ކައުންސިލުން އެ ޕާޓީގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް ވަގުތީ ކޮމެޓީއެއް އެކުލަވާލާފައި ވަނިކޮށެވެ.
ވައްޑެ އާއި ސުޖާއު ޕާޓީގެ ކައުންސިލުން ވަކިކޮށް، ރައީސް ޔާމީން ރިޔާސަތުގައި ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރައްވާފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އެ ދެބޭފުޅުން ކައުންސިލް މެމްބަރުކަމުން ވަކިކުރީ ޕާޓީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމާއި ޕާޓީ އާއި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކަމުންދާތީ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީނާ ޕާޓީގެ ހިންގުން ހަވާލުކޮށް ސިވިލް ކޯޓުން ކުރި ހުކުމަށް ގޮން ޖަހައި، ތަފާތުކަންކަން ގަވާއިދާ ހިލާފަށް ނިންމަވާ ގަވާއިދާ ހިލާފަށް ޕާޓީގެ މަގާމުތަކަށް ހަވާލުވެ ޕާޓީގެ ނަމުގައި ކަންކަން ކުރަމުންދާތީ ކަމަށް ބުނެފައިވެ އެވެ.
ޕީޕީއެމް ހިންގުން ޕާޓީގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލު ކުރި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ހައި ކޯޓުގައި ހިނގަމުންދާއިރު، އެ މައްސަލައިގެ ތިން ވަނަ އަޑުއެހުން މާދަމާ ހެނދުނު 10:00 އަށް ވަނީ ހައި ކޯޓުގައި ތާވަލް ކޮށްފަ އެވެ.