21 Oct 2016, 15:36
އިސްލާމް އާބާދު (އޮކްޓޯބަރު 21) : އިންޑިޔާގެ ކަންކަމާގުޅޭ އެއްވެސް ކޮންޓެންޓެއް ޕާކިސްތާނުގެ ރޭޑިޔޯތަކާއި ޓީވީ ތަކުން ބްރޯޑްކާސްޓް ކުރުމާއި ޓެލެކާސްޓް ކުރުން މަނާކޮށްފިއެވެ.
ޕާކިސްތާނުގެ މީޑިޔާގެ ކަންކަން އިންތިޒާމްކުރާ އިދާރާއިން ބުނީ އިންޑިޔާގެ ކަންކަމާގުޅޭ ކޮންޓެންޓްތައް ޕާކިސްތާނުގައި ބްރޯޑްކާސްޓް ކުރުމާއި ޓެލެކާސްޓް ކުރުންވެސް މަނާކޮށްފައިވާ ކަމުގައެވެ. ޕާކިސްތާނުން މިނިންމުން ނިންމާފައިވަނީ އިންޑިޔާގެ ފިލްމީ ދާއިރާއިން ޕާކިސްތާނުގެ ފިލްމީ ދާއިރާއާ ގުޅުންތައް ކަނޑާލުމަށް ނިންމާފައިވަނިކޮށެވެ.
މީގެއިތުރުން އިންޑިޔާ ގެންދަނީ ޕާކިސްތާނާ ދެކޮޅަށް މީޑިޔާ ޕްރޮޕަގެންޑާ ފަތުރައި ދުނިޔޭގެ ގައުމުތައްވެސް ޕާކިސްތާނާ ދެކޮޅަށް އަނބުރާލެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައުގައި ޕާކިސްތާން އެކަހެރި ކުރުމަށްވެސް އިންޑިޔާ ގެންދަނީ ބޮޑެތި މަސައްކަތް ތަކެއް ކުރަމުންނެވެ.
ޕާކިސްތާނާއި އިންޑިޔާގެ ގުޅުންތައް މިފަހަކަށް އައިސް ގޯސްވީ ކަޝްމީރުގެ ސަރަހައްދީ ރޮނގު ކަމަށްވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް މިދިޔަ ސެޕްޓެމްބަރު ޕާކިސްތާނުގެ ފަޅިން ދިން ޙަމަލާތަކެއްގައި އިންޑިޔާ ސިފައިންގެ 19 މީހުން މަރުވުމާ ގުޅިގެންނެވެ. މިހަމަލާތައް ދިނީ ކަޝްމީރުގެ ހަނގުރާމަވެރިންކަން ނޫނީ ޕާކިސްތާން ސިފައިންކަން އިންޑިޔާއަށް ނޭނގުނު ނަމަވެސް އިންޑިޔާއިން ވަނީ މިހަމަލާތަކުގެ ޒިންމާ ޕާކިސްތާން ސިފައިންގެ ބޮލުގައި އަޅުވާފައެވެ. އަދި މިއާއެކު އިންޑިޔާ ސިފައިންވަނީ ކަޝްމިރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނަށް ހަމަލާދީ ޕާކިސްތާން ސިފައިންގެ ދެމީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްވެސް ކޮށްލާފައެވެ.
އިންޑިޔާއަކީ ޕާކިސްތާނަށްވުރެ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ އުފެއްދުންތެރި ގައުމެއް ނަމަވެސް އެދެގައުމަކީވެސް ނިއުކްލިއާ ދެބާރުކަމުން އެއްގައުމަކަށް ވެސް އަނެއްގައުމާ ދެކޮޅަށް އަސްކަރީ މާބޮޑު ހަރަކާތްތަކެއް ހިންގާކަށް ނުކެރެއެވެ.
ކަޝްމީރުގެ މައްސަލައަކީ ކަޝްމީރުގެ ރައްޔިތުން އެދޭ ގޮތަށް އެސަރަހައްދުގެ މަސްތަގްބަލް ކަނޑައެޅުމުގެ ފުރްސަތު ދިނުމަށް އިންޑިއާ ދެކޮޅު ހެދުމުގެ ސަބަބުން އުފެދިފައިވާ މައްސަލައެކެވެ. ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށް އެސަރަހައްދުގެ މަސްތަގްބަލް ކަނޑައެޅުމުގެ ފުރުސަތު ދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ މީގެ ސާޅީހަކަށް އަހަރުކުރިން ގަރާރެއްވެސް ފާސްކޮށްފައެވެ. ނަމަވެސް އެ ގަރާރަށް އަމަލުކުރުމަށް އިންޑިއާ ގެންދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
މީގެ އިތުރުން ކަޝްމީރުގެ ރައްޔިތުން މިނިވަން ކަމަށް ގޮވާލައި ކުރާ މުޒާހަރާތަކާ ދެކޮޅަށްވެސް އިންޑިއާ ގެންދަނީ ބާރުގެ ބޭނުންކުރަމުންނެވެ. ފާއިތުވި ހަތަރު މަހުގެ ތެރޭގައިވެސް އިންޑިޔާއިންވަނީ ކަޝްމީރުގެ ރައްޔިތުންގެ 90 ވަރަކަށް މީހުން މަރާލާފައެވެ. މީގެތެރޭގައި ހިމެނެނީ އިންޑިޔާގެ އަޅުވެތިކަމާ ދެކޮޅަށް މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރި ފަރާތްތަކެވެ. (ރޮއިޓާސް)