ސްރީ ލަންކާއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ޖަވާހިރު ތަކަކާއެކު ޗައިނާ އަންހެނަކު، ލަންކާއިން ހައްޔަރުކޮށްފި އެވެ.

ސްރީ ލަންކާއިން ވަގަށް ބޭރު ކުރަން އުޅުނު 11.64 މިލިއަން ސްރީލަންކަން ރުޕީސް (79,191 އެމެރިކާ ޑޮލަރު)ގެ އަގުހުރި ޖަވާހިރުތަކަކާއެކު ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)ގެ ކަސްޓަމްސް އޮފިޝަލުން ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ޗައިނާ އަންހެނެކެވެ.

ބީއައިއޭގެ ޑެޕިއުޓީ ކަސްޓަމްސް ޑިރެކްޓަރު ވިދާޅުވީ، ސްރީ ލަންކާގައި ޓުއަރިސްޓް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އެ އަންހެން މީހާ ހައްޔަރު ކުރީ ގިނަ އަދަދެއްގެ ފައިސާތަކެއް ގައުމުން ބޭރު ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ކަމަށެވެ.

އެގޮތުން، އޭނާ ހައްޔަރުކޮށް ބެލިބެލުމުން އޭނާގެ ލަގެޖު ތެރެއިން 12 ވައްތަރެއްގެ 248 ޖަވާހިރު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އޭގެ ތެރޭގައި ބުލޫ ސަފަޔާސް، ގްރީން ސަފަޔާސް، ޕާޕަލް ސަފަޔާސް ގެ އިތުރުން އެމެރަލްޑްސް އަދި ޓޯޕާޒް ފަދަ މައުދަން ހިމެނެ އެވެ.

އޭގެ އިތުރުން، އޭނާގެ ދަބަހުގެ ތެރެއިން ގިނަ އަދަދެއްގެ ސްރީ ލަންކަން ރުޕީސް އާއި ޗައިނީސް ޔުއާންގެ އިތުރުން ޑޮލަރުތަކެއް ވެސް ފެނިފައިވާ ކަމަށް ބީއައިއޭގެ ޑެޕިއުޓީ ކަސްޓަމްސް ޑިރެކްޓަރު ވިދާޅުވި އެވެ.