09 Jun 2011, 15:12
އައްޑޫ ސިޓީގައި ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ގަމު ސެލޫނެއްގެ ތެރެއިން ރޭ ހައްޔަރު ކުރި މަރަދޫ ފިރިހެން މީހާ އާއި ތައިލެންޑްގެ ދެ އަންހެންނުންގެ އިތުރުން ސެލޫން ހިންގުމާ ހަވާލުވެ ހުރި މީހާ ވެސް ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހައްޔަރު ކުރީ ވެސް މަރަދޫ މީހެއް ކަމަށާއި އަދި މިހާރު ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭގެ ވަގުތެއްގައި ކޯޓަށް ގެންދާނެ ކަމަށެވެ.
ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގެ ގަމުން 9.30 ގައި މަރަދޫ ފިރިހެނަކާއި ތައިލެންޑްގެ ދެ އަންހެނުން ވެސް ހައްޔަރު ކޮށްފައި ވަނީ ސެލޫން ތެރެއިންނެވެ.
އެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ތިން މީހުން ހައްޔަރުކުރި ސެލޫންގެ ކައުންޓަރުގައި އިނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ހަށިވިއްކި ކަމުގެ ތުހުމަތުގައި އައްޑޫން ހަތަރު މީހަކު މި ހައްޔަރު ކުރީ ސަން ޓީމުން ހިންގި ސަންސެޓް އޮޕަރޭޝަނަށް ފަހު، މާލޭގައި ހަށިވިއްކާކަން ފަޅާއަރުވާލިތާ ހަފުތާއެއް ވެސް ނުވަނީހެވެ.