މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީ ސަރަހައްދުގައި ވަޅުލާފައި އޮތް އެމްޑަބްލިއުއެސްސީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދަށް ފެން ލީކު ވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން ފެން ލީކު ވަމުންދަނީ ބިމު އަޑީގައި ވަޅުލާފައި އޮތް ފެން ހޮޅިއެއްގެ ވޭލް ލީކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދުން ފެން ކެނޑިދާނެތޯ އެހުމުން އެބްޑަބްލިއުއެސްސީގެ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް ކުޑަ ވަގުތު ކޮޅަކަށް ފެން ކަނޑާލަން ޖެހިދާނެ ކަމަށެވެ.

އެބްޑަބްލިއުއެސްސީގެ ފެން ހޮޅި ފަޅައިގެން ދިޔައީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ސަންއާ ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު 6:00 ޖެހިއިރު "ބޮކި ޖަހާފައި" އެ ސަރަހައްދު ބިމު އަޑިން ފެން އަރަމުންދިޔަ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެ ސަރަހައްދު ކޮނެ ޕަމްޕު ޖަހައިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް ޕަމްޕު ޖައްސައިގެން އެކަން ކުރަމުންދިޔަ ނަމަވެސް ޕްރެޝަރުގައި ފެން ލީކުވަމުންދިޔަ އެވެ.