ހަކަތަ ހޯދާ މަސްދަރުތައް އިތުރުކޮށް ނިއުކުލިއާ ބާރު ފުޅާކުރުމުގެ ގޮތުން ފުރަތަމަ ނިއުކުލިއާ ޕްލާންޓް ހެދުމަށް ސައުދީ އަރަބިއާއިން ނިންމައިފި އެވެ.

ސައުދީގެ އެނާޖީ މިނިސްޓަރު އަދި ސައުދީ އަރަބިއާގެ ރަސްމީ ތެޔޮ ކުންފުނި އަރަމްކޯގެ ޗެއާމަން ހާލިދު އަލް ފާލިހް ވިދާޅުވީ، އެގައުމުގައި ހުޅުވަން ނިންމާފައިވާ ފުރަތަމަ ނިއުކުލިއާ ޕްލާންޓް އަޅާނެ ސައިޓެއް ހޯދަމުން އަންނަ ކަމަށެވެ.

ލަންޑަނުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ތެލާއި ފައިސާއާ ބެހޭ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ފާލިހް ވިދާޅުވީ، ސައުދީ ދައުލަތުގެ ތެޔޮ ކުންފުނީގެ ކެމިކަލް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ނިއުކުލިއާ ހަކަތައަށް ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ނިއުކުލިއާ ޕްލާންޓު އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ފެށުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ސައުދީ ދައުލަތުގެ ކަރަންޓް ކުންފުންޏާއި ތެޔޮ ކުންފުނި ގުޅިގެން ހިންގާ އެ ޕްރޮޖެކްޓު ނިންމުމަށް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން ސައުދީގެ ބަޖެޓަށް އެކަމުގެ އަސަރުކުރަމުންދާތީ، ސައުދީގެ އިގްތިސާދު ހައިޑްރޯކާބަންސްއަށް ބަރޯސާވުން ކުޑަކުރުމަށް އެގައުމުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި ސައުދީ ހަކަތައާ ބެހޭ މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ތެލުގެ ސަޕްލައި ދަށްވެދާނެ ކަމަށް ކަމާބެހޭ ތަޖުރިބާ ކާރުން ލަފާކުރަމުންދާ ވަގުތެއްގައެވެ.

ސައުދީގެ ހަކަތައާ ބެހޭ މިނިސްޓަރު ފާލިހް ވިދާޅުވީ، ކުރިއަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކެއް އަޅައިގެން ތިބުމަށް ސައުދީ ސަރުކާރުން ބޭނުންވާ ކަމަށާއި އެގޮތުން ކުރިއަށް އޮތްތަނުގައި ސައުދީގެ ހަކަތައިގެ މުހިއްމު ވަސީލަތްތަކަށް ވަޔާއި ސޯލާ ހަކަތަ ވެސް ވެގެންދާނެ ކަމަށެވެ.

ސައުދީ އަރަބިއާއިން ނިއުކުލިއާ ޕްލާންޓެއް އެޅުމަށް ނިންމާފައިވާއިރު، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫ ދާބީން ދަނީ ގަލްފު ސަރަހައްދުގެ އަޅާ ފުރަތަމަ ނިއުކްލިއާ ޕަވާ ޕުލާންޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އަންނަ އަހަރަށް ނިންމަން ކަނޑައަޅާފައިވާ އެ ރިއެކްޓަރަކީ އެގައުމުގައި އަޅަން ނިންމާފައިވާ ހަތަރު ނިއުކުލިއާ ރެއަކްޓަރުންގެ ތެރެއިން ގާއިމްކުރާ ފުރަތަމަ ރިއެކްޓަރެވެ.