20 Oct 2016, 23:44
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުޙައްމަދު ޣައްސާނު މައުމޫނަކީ ސިޔާސީ ކުރިމަގެއް އޮތް ބޭފުޅެއް ކަމަށާއި 2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކޮންމެވެސް ރަނގަޅު ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ޣައްސާނު އެތެރެކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ، މިރޭ ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައެވެ. އެ ޖަލްސާގައި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނު ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ތިމަރަފުށީ ދާއިރާގެ ގޮޑިއަށް ޣައްސާނު ކުރިމަތިލައްވައިގެން ކެމްޕޭނުކުރެއްވި އިރުވެސް ޣައްސާނާއެކު އެމަނިކުފާނު ތިމަރަފުއްޓަށް ވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
“ޣައްސާން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލެއްވީމަ އޭނައާ އެކީ ދަތުރުކުރާނެ މާގިނަ މީހުންތަކެއް އަޅުގަނޑުމެން ޕާޓީތެރެއިން ނުވި. ދިޔައިމަ ބައެއް މީހުންނާ ދޭތެރޭގައި ވަރަށް އިހާނެތިކޮށް ކަންތައް ކުރީ. އަޅުގަނޑު ބުނިން އަޅުގަނޑު ދާނަމޭ ޣާއްސާން ހޮވަން. އަޅުގަނޑަށް ކެރުނު ދާން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެފަހަރު ޣައްސާނު ހޮވުމަށް އެންމެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވީ މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު މުސްތަފާގެ ފަރާތުން ކަމަށާއި، ތިމަރަފުށްޓަށް ނޭރި، 17 ގަޑިއިރުވަންދެން ކަނޑުމަތީގައި ހޭދަކުރައްވަން ޖެހިވަޑައިގަތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެކަމަކު 17 ގަޑިއިރަށްވުރެ ގިނަ ވަގުތު މުސްތަފާ ކުރެއްވި އުނދަގުލާއެކީ އަޅުގަނޑުމެން ކަނޑުމަތީގައި ތިބީމު. އެދުވަހު ކަނޑުމަތީގައި ތިބިއިރު މުސްތަފާ އެ އިންނެވީ އަޅުގަނޑުމެންގެ ހިޔާވަހިކަމުގެ ދަށުގައި. މިއީ ޑިކޮމްރަސީ އަކީ. ފިކުރު ބަދަލުވާ ގޮތަކީ،"
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިޚާބު ދެފަހަރެއްގެ މަތީން ބާއްވާފައި ވެއެވެ. ފުރަތަމަ ބޭއްވި އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ، އެ އިންތިޚާބު ބާތިލުކުރުމަށް ހުށަހެޅީ އޭރު ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރެވެ. އަދި އެ މައްސަލައިގައި ސްޕްރީމް ކޯޓުގައި އުމަރުގެ ފަރާތުން ވަކާލާތުކުރެއްވީ މިހާރު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) އެވެ.