ޑިމޮކްރެސީގައި މައްސަލަތައް ހައްލު ނުކުރެވޭނަމަ ދެން އެ މައްސަލަ ހުށަހަޅަންޖެހޭނީ ޝަރުއީ ކޯޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ ޑިމޮކްރެސީގައި މުއައްސަސާތަކަށް ހައްލު ނުކުރެވި ހުންނަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ޝަރުއީ ކޯޓަކަށް ކަމަށެވެ. ހަމައެހެންމެ ޑިމޮކްރެސީގައި ހައްލު ކުރާ މައްސަލަތަކާ މެދު ހިތްހަމަނުޖެހޭނަމަ އެއަށް ފައިނަލް ޖަވާބު ދޭނީ ޝަރުއީ މަރުހަލާ އިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޑިކޮމްރެސީގައި މުއައްސަސާތަކަށް ހައްލު ނުކުރެވި ހުންނަ މައްސަލަތައް ނޫނީ ހައްލުކުރާ މައްސަލަތަކާ ދޭތެރޭ ހިތްހަމަނުޖެހެންޏާ ފައިނަލް ޖަވާބެއް ދޭ ތަނަކީ ޝަރުއީ މަރުހަލާ. އެއީ ރިއަލިޓީ އަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ ޕާޓީގެ އެންމެންގެ މައްޗަށް ލާޒިމްވެފައިވާ ކަމެއް ކަމަށާއި ކޯޓުތައް ހަދާފަހުރީ އެ ބޭނުމަށް ނޫން ކަމަށެވެ. ނަމަވެސް މައްސަލަތައް ހައްލުކުރުމުގައި މަގެއް ނުފެނިއްޖެނަމަ ދެންޖެހޭނީ ޝަރުއީ ފަރުވާ ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަންކަމަށް މަގެއް ފެންނާނެ ގޮތެއް ނެތް ކަމަށް ވަންޏާ ދެން އެންމެ ފަހުމަރުހަލާއަކަށްވާނީ ހަމަ ޝަރުއީ ފަރުވާ ކޮންމެ ކަމެއްގައި ވެސް ހޯދުން. އެއީކީ ނާތަހުޒީބީ ކަމެއް ނޫން. އެއީކީ ޑިމޮކްރެސީ އޮޔާދަނީކީ ނޫން،" ރައީސް ވިދާޅުވިއެވެ.

ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނު ބައްދަލުކުރަން ޕީޕީއެމްގެ ކައުންސިލް މެމްބަރުން މަސައްކަތް ކުރެއްވިކަން އެނގިވަޑައިގަންނަވާ ކަމަށާއި ދެބޭފުޅުންނަށް އެކީގައި އިށީނދެވަޑައިނުގަތުމަކީ މަންދޫބުން ތިބެގެން ވާހަކަ ނުދެއްކެންވީ ސަބަބެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑު ދެނެހުރިން ކައުންސިލުގެ އެކި މެމްބަރުން އެކިވަރުގައި އެ މަސައްކަތް ކުރެއްވި. އަޅުގަނޑާއެކީ ރައީސް މައުމޫން އިށީނދެވަޑައިނުގަތުމަކީ، އިށީނދެވަޑައިގަތުމަށް ދަތިފުޅުވުމަކީ ދެފަރާތުން މަންދޫބުން ތިބެގެން ވާހަކަ ނުދެއްކެވެންވީ ސަބަބެއް ނޫން،" ރައީސް ވިދާޅުވިއެވެ.