20 Oct 2016, 21:22
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެމަނިކުފާނަށް މުހިންމު ވެގެންދާ ސަބަބަކީ އިލްހާމަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފިކުރާއި ޚިޔާލަށް ތާއީދު ކުރައްވާ ބޭފުޅަކަށް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިލްހާމް ޕީޕީއެމަށް ސޮއިކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫންގެ ފިކުރާއި ޚިޔާލަށް ތާއީދު ކުރައްވާ ބޭފުޅެއްގެ އިތުރުން އިލްހާމަކީ ކުރައްވާ މަސައްކަތެއްގައި ދެމިހުންނަވާ ބޭފުޅެއް ކަމަށެވެ.
"ހަމައެހެންމެ އިލްހާމަކީ ރައީސް މައުމޫންގެ ފިކުރާ ޚިޔާލަށް ވަރަށް ތާއީދު ކުރައްވާ ބޭފުޅެއް. އަޅުގަނޑަށް އިލްހާމް މުހިންމުވެގެންދާ ސަބަބަކީ ވެސް މިއީ. އަދި ހަމައެއާއެކީގައި އިލްހާމަކީ ވަރަށް ޖޯޝާ ފޯރިއާއެކީގައި އިލްހާމް ކުރައްވާ މަސައްކަތެއްގައި ސާބިތުކަމާއެކު ދެމިހުންނަވާ ބޭފުޅަކަށްވާތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިލްހާމަކީ އިޚްލާސްތެރިކަމާއެކީ ސަރުކާރާއެކު އަބަދު ހުންނަވާ ބޭފުޅެއް ކަމަށާއި ޑީއާރްޕީ ޒަމާނުއްސުރެ އިލްހާމަކީ ރައްޓެއްސެއް ކަމަށެވެ.
ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި "މުޖާހިދުންގެ ގޮތުގައި" ހިމެނުނު ބޭފުޅުންގެ ތެރޭގައި އިލްހާމް ހިމެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އިލްހާމް ފާހަގަވެގެން މިދިޔައީ 17 ވަނަ މަޖިލީހުގައި އަޅުގަނޑުމެންގެ މުޖާހިދުންގެ ތެރޭގައި ހިމެނުނު ބޭފުޅެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ސަފުތަކުގައި އެބަތިއްބެވި އަލީ އާރިފް، އަބްދުއްރަހީމް، އިލްހާމް، ރިޔާޒު ރަޝީދު، މިކަހަލަ ވަރަށް ވަރުގަދަ ބޭފުޅުންތަކެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަނިޔާވެރި އަދި ނާތަހުޒީބީ އެތައް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި "އެ ހަނގުރާމައިގައިގެ ތެރޭގައި ނޫނީ އެ ޖިހާދުގެ ތެރޭގައި" އޭރު ޑީއާރްޕީގެ ފިކުރުގައި އެންމެ ވަރުގަދަޔަށް ވަކާލާތު ކުރައްވަމުން ގެންދެވީ އިލްހާމް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމަނިކުފާނާ ޚިޔާލު އެއްގޮތް ކުރަންޖެހޭ އެތައް ކަމެއްގައި އިލްހާމްގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.