ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) މެމްބަރުންގެ ތެރެއިން 95 ޕަސެންޓް ތިބީ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ކަމަށް އެފެކްޝަނުން ބުނެފިއެވެ.

އެފެކްޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ޕީޕީއެމް ގިނަ މެމްބަރުން ތިބީ ރައީސް މައުމޫނާއެކު ކަމަށާއި ވޯޓުންވެސް އެކަން ފެނިގެންދާނެ ކަމަށެވެ. ރައީސް ޔާމީނާއެކު ތިބި މެމްބަރުން އެތިބީ ވަޒީފާގެ ބިރަށް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"ސަރުކާރުގެ މަގާމުތަކުގައި ތިބި ބޭފުޅުން އެބޭފުޅުން މަގާމުން ވަކިކޮށްފާނެކަމުގެ ބިރުއޮތީތީވެ އަދި އެފަރާތަށް ޖެހިލިކަމަށްވީނަމަވެސް ހުރިހާ މެމްބަރުންވެސް، ސަރުކާރު ތެރޭގައި ތިބި ގިނަ މެމްބަރުންވެސް ސީދާ ރައީސް މައުމޫންގެ ފަހަތްޕުޅަށް އަރާވަޑައިގެންފި،" ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމް ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށް މިއަދު ޝަރީއަތް ފަށާފައިވާއިރު ޝަރީއަތުގެ ކަންކަން ހިނގަމުންދާގޮތާ ގުޅޭގޮތުންވެސް ވަހީދު ވަހީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހައިކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ރައީސް މައުމޫން ތަދައްހުލް ވެފައިވާއިރު އެމައްސަލަ ކާމިޔާބުކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށްދާ މައްސަލައަކަށްވާތީ ވަކި އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށާއި ގަވާއިދުތަކާއި ގާނޫނުތައް އޮތީ ހޭލާ ކަމަށެވެ.

ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުން ބާއްވައި، ނިންމަވާފައިވާ ނިންމުންތަކަކީ ބާތިލު ނިންމެވުންތަކެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ރައީސް މައުމޫނުގެ ފަރާތުން ހައިކޯޓުގައި ވަނީ މިއަދު އެދިފައެވެ.