މުޖްތަމައުއަށް ނުރައްކާތެރި މީހުންގެ ތެރޭގައި ފުލުހުން ހިމަނާފައިވާ ގދ. ފަރެސްމާތޮޑާ، އަލި، ޣައްސާން އަލީގެ މައްޗަށް ޕްރޮސެކިޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ކުރާ ދައުވާއެއްގެ ޝަރީއަތުގައި، ދައުލަތުން ހުށަހަޅާ ހެކިބަސް ދިން މީހުން، އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ހާމަ ކުރައްވައިފި އެވެ.

އެ މައްސަލައިގައި ހިމެނޭ ހެކިން ހާމަ ނުކުރުމަށް ޕީޖީ އޮފީހުން ވެސް ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ހެކިން ހުށަހަޅާފައި ވަނީ ވެސް ލިޔުމުންނެވެ. ކްރިމިނަލް ކޯޓުން އިސް ނަގައިގެން ބޭއްވި ބައްދަލުވުމެއްގައި ކޯޓުން އެދުމުން ނޫސްވެރިން ވެސް ވަނީ ބޮޑެތި މާރާމާރީތަކުގައި ހިމެނޭ ހެކިންނާއި އެ މައްސަލަތައް ބައްލަވާ ގާޒީންގެ ނަންތައް ހާމަ ނުކުރާ ގޮތަށް އަނގަ ބަހުން އެއްބަސްވެފަ އެވެ. އަދި ކޯޓުން ވެސް ވަނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ހެކިންގެ އެއްގޮތަކަށް ވެސް ހާމަ ނުކުރާ ގޮތަށް ނިންމައިފަ އެވެ. އެފަދަ މައްސަލަތަކުގެ ހެކިބަސް ކޯޓުން ނަގަނީ ވެސް ހެކިވެރިޔާ ވަކި މަޖިލީހަކަށް ހާޒިރުކޮށް އޯޑިއޯ ލިންކެއް މެދުވެރިކޮށް އަޑު ބަދަލުކޮށްގެނެވެ.

ޣައްސާންގެ މައްޗަށް މިއަދު ޝަރީއަތް ހިންގީ ސަލްޓަން ޕާކުގެ ތެރެއިން ދެ މީހަކަށް ހަމަލާދިން މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ވެސް މިއަދު ހެކިބަސް ނަގާފައި ވަނީ ހެކިން އެހެން މަޖިލީހަކަށް ހާޒިރުކޮށް އޯޑިއޯ ލިންކެއް މެދުވެރިކޮށް އަޑު ބަދަލުކޮށްގެނެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ހެކިބަސް ދޭން ފެށުމުގެ ކުރިން ހެކިބަސް ދިން ދެ މީހުންގެ ނަން ވެސް ޝަރީއަތުގައި ހާމަ ކުރައްވައިފަ އެވެ. އަދި އެއިން އެއް ހެއްކެއްގެ އައިޑީކާޑު ނަންބަރު ބުނެދޭން ގާޒީ އެންގެވުމުން އެ މީހާ ވަނީ އައިޑީކާޑުގެ ނަންބަރު ވެސް ޝަރީއަތުގައި އިއްވައިފަ އެވެ.
އެންމެ ފުރަތަމަ ހެކިބަސް ދީފައި ވަނީ ސަލްޓަން ޕާކުގެ ތެރެއިން ކަރަށް ވަޅި ހެރުމުން ޒަހަމްވި މީހާ އެވެ. އޭނާ ހެކިބަސް ދެމުން ބުނީ އޭނާ އާއި އޭނާގެ ރައްޓެއްސަކަށް ސަލްޓަން ޕާކުގެ ތެރެއިން މިދިޔަ ޖެނުއަރީ 29 ގައިހަމަލާދީފައިވާ ކަމަށެވެ. އޭނާ ބުނީ އޭނާ އަށް ހަމަލާދީފައިވާ މީހާ އެނގޭ ކަމަށެވެ. އަދި އޭނާގެ ނަން ވެސް ވަނީ ޝަރީއަތުގައި ބުނެފަ އެވެ. އެކަމަކު ހަމަލާދިނީ ސީދާ ޣައްސާނުކަން ބުނެދޭން ނޭނގޭ ކަމަށް ވެސް ހެކި ބަސް ދެމުން އޭނާ ބުންޏެވެ.

ޝަރީއަތުގައި ﷲ ގަންދީ ހުވާކޮށް ހުރެ ހަމަލާދިނީ ސީދާ ޣައްސާނުކަން ބުނެދޭން ނޭނގޭ ކަމަށް ހެކިބަސް ދިން މީހާ ބުނި ނަމަވެސް ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނެފައި ވަނީ އޭނާގެ ރައްޓެއްސަށް ހަމަލާދީފައި ވަނީ ޣައްސާނު ކަމަށެވެ.

ހާދިސާ ހިނގިތާ އެންމެ 11 ދުވަސް ފަހުން އޭނާ ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ އާއި އިތުރު ތިން މީހަކު ސަލްޓަން ޕާކުގެ ތެރެއިން ހިނގަމުން ސީއެޗްސީއާ ދިމާލަށް ނުކުތުމަށް ދަނިކޮށް ފަހަތުން ވަޅިއޭ ކިޔާފައި ހަޅޭއްލަވައިގެން ކަމަށެވެ. އެ ވަގުތު ފަހަތް ބަލައިލި އިރު ވަޅިތަކެއް ފެނުނު ކަމަށާއި އެހެންކަމުން ދުއްވައިގަތީ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ތަންކޮޅެއް ދުރަށް ގޮސް ބަލައިލުމަށް ފަހު އޭނާއާ އެކު ހުރި ރައްޓެއްސަކު ވެއްޓިފައި އޮތުމުން އެ ދިމާލަށް އަލުން ދިޔައީ ކަމަށް އެ ބަޔާނުގައިވެ އެވެ. އެއިރު އޭނާގެ ރައްޓެހި މީހާ ހުރީ ޣައްސާނުގެ އަތުގަ އާއި ވަޅީގައި ހިފަހައްޓައިގެން ކަމަށާއި ނަމަވެސް ވަޅި އޮތް އަތް ނޫން އަނެއް އަތުން ޣައްސާނު ދިޔައީ އޭނާގެ ރައްޓެހި މީހާގެ ބުރަކައްޓަށް ވަޅި ހަރަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އޭނާ ދިން ބަޔާން އިއްވުމުން ހެކިބަސް ދިން މީހާ ބުނެފައި ވަނީ ހަމަލާދިނީ ޣައްސާނު ކަމަށް ބުނެފައި ވަނީ ފުލުހުން އެގޮތަށް ބުނަން، ބުނުމުން ކަމަށެވެ. އެކަމަކު ބަޔާނުގައި އެގޮތަށް ބުނިއިރު އެއީ ޣައްސާނުކަން ބުނެދޭން އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި ﷲ ގަންދީ ހުވާކޮށްގެން ހުރެ ހަމަލާދީފައި ވަނީ ޣައްސާނު ކަމަށް ނުބުނެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ހެކިބަސްދިން ދެ ވަނަ މީހާ ބުނީ އޭނާއަކީ ވެސް ޒަހަމްވި ދެ މީހުންނާ އެކު ސަލްޓަން ޕާކުގައި ހުރި މީހެއް ކަމަށާއި ޣައްސާނާއި އިތުރު މީހަކު އޭނާއާ އެކު ހުރި ދެ މީހުންނަށް ހަމަލާދިން ތަން ދުށް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ މީހާއަށް ހަމަލާދިނުމުން އޭނާ ޣައްސާނުގެ އަތުގަ އާއި ވަޅީގައި ހިފަހައްޓައިގެން ހުރި ކަމަށެވެ. ނަމަވެސް އެވަގުތު ހަމަލާދިން އަނެއް މީހާ ]ކުޑަކުއްޖެއް[ ގޮސް ޒަހަމްވެފައި ހުރި މީހާގެ ބުރަކައްޓަށް ވަޅިން ހަމަލާދެމުން ދިޔަ ކަމަށާއި ދެން ޣައްސާނު ވެސް އޭނާގެ ވަޅި އޮތް އަތް ނޫން އަނެއް އަތުން ޒަހަމްވި މީހާގެ ބުރަކައްޓަށް ހަމަލާދެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ އަށް ޒަހަމްވި މީހާ ]ފުރަތަމަ ހެކިބަސް ދިން މީހާ[ ޒަހަމްވީ ފުރަތަމަ ޒަހަމްވި މީހާ ކައިރިއަށް ދިޔުމުން އެތަނުގައި ހުރި ކުޑަކުއްޖާ ވަޅި ހޫރުވަން ފެށުމުން ކަމަށެވެ.