20 Oct 2016, 21:08
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ދެކަނބަލުން ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި އިލްހާމާއި އަނބިކަނބަލުން މާޝާ ޕީޕީއެމަށް ސޮއިކުރެއްވިއިރު، އެ ދެ ކަނބަލުންގެ އަރިހުގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް އިންނެވިއެވެ.
ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިލްހާމް ވިދާޅުވީ، އޭނާ އަކީ ސިޔާސީ މަސްރަހުގައި ބުރަ މަސައްކަތްތަކެއް ކުރާ ބޭފުޅެއްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދަންނަންޖެހޭނެ ކަމަށެވެ.
އިލްހާމް ވިދާޅުވީ، އޭނާގެ ގައުމީ ޒިންމާ އަދާކުރަންޖެހޭ ކަމަށާއި މިއީ އެކަމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން މިރެއަކީ އެންމެ އުފާވެރި ރެއެއް ނޫން. އަޅުގަނޑު ވަރަށް ލޯބިވާ ބޭބެ. ނުވަތަ އަޅުގަނޑު ލޯބިވާ ބައްޕައެއް ދޫކޮށްލާފަ އަންނަން މިޖެހުނީ. އެއީ އޮނަރަބަލް ގާސިމް އިބްރާހީމް. އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވަންޖެހޭނެ ސިޔާސީ މަސްރަހުގައި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތް ކުރި މީހެއްކަން،" އިލްހާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަލުން ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމަށް ސޮއިކޮށްދިނުމަށް މީގެ ދެދުވަސް ކުރިން ރައީސް ޔާމީން އެދިވަޑައިގަތުމުން ކަމަށެވެ.
"މީގެ ދެދުވަސް ކުރިން އެމަނިކުފާނު ވިދާޅުވީ މިކަން ކޮށްދެއްވާށޭ ތިމަންމަނިކުފާނަށް. އަޅުގަނޑު ދެންނެވިން އާދޭހޭ ކޮށްދޭނަމޭ. އަޅުގަނޑަށް މަޖުބޫރުވީ ގައުމަށްޓަކައި މިކަންކޮށްދޭން،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމަކީ ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާއަށް އިންތިޚާބުވެ ފަސް އަހަރުގެ ދައުރަކަށް އެދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު ޕީޕީއެމް އުފެދުމާއެކު ބޭއްވި އެޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގައި އެންމެ ގިނަ ވޯޓުން އިލްހާމް ވަނީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައެވެ.
އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އެ މަގާމުގައި ހުންނަވައިގެންނެވެ.