20 Oct 2016, 18:59
ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދެނީ އުސޫލާ އެއްގޮތަށް ކަމަށާއި ގިނަ ގަރާޖުތައް ހުރީ އުސޫލާ އެއްގޮތަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދުގައި ބުނާގޮތުން ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން އެގަރާޖެއްގެ ވެރިފަރާތުގެ ހުއްދައާއެކު ހުށަހެޅުމުން ކަމަށެވެ.
ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލެއްގައި ބުނާގޮތުން ވެހިކަލެއް ރަޖިސްޓަރީކުރަނީ އެ ގަރާޖެއްގެ 100 އަކަފޫޓަކަށް ވެހިކަލެއްގެ ޖާގައިގައެވެ. ނަމަވެސް އެއާ ޚިލާފަށް ކުދިކުދި ގަރާޖުތަކުގައި އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްފައި ހުންނަ ކަމަށް ފުލުހުންވެސް ބުނެއެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ''ސަން'' އަށް ވިދާޅުވީ، ހުއްދަ ދިނުމުގެ ކުރިން ގަރާޖުގެ ބޮޑުމިނާއި އެތަނަށް އެކަށީގެންވާ އުޅަނދުގެ އަދަދު ފަދަ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބެލޭ ކަމަށާއި ހުއްދަ ދެނީ އެގޮތަށް ބަަލާފައި ކަމަށެވެ.
"99 ޕަސެންްޓްވެސް ދެއްނެވިދާނެ ހުންނާނީ ރަނގަޅަށޭ،... އެއް ގަރާޖެއްގައި އޮވެދާނެ 10 އެތިވެސް އަދި ނުވަ އެތިވެސް، އެކަމަކު އެދީފައި އޮންނާނީ{ 100 އަކަފޫޓަށް އުޅަނދަކަށްވާވަރަށް}"، ނާފިޒް ވިދާޅުވިއެވެ.
ގަރާޖުގެ އުސޫލްތައް އޮންނަގޮތް ބެލުމަށް ދޭތެރެ ދޭތެރޭން ކޮންމެ ދުވަހަކުވެސް ގޮސް ގަރާޖުތައް ބަލައި ގަވައިދާ ހިލާފަށް އޮންނަ ތަންތަނަށް ހުއްދަ ނުދޭ ކަމަށް ނާފިޒް ވިދާޅުވިއެވެ. ވެހިކަލް ގަރާޖުގައި ރަޖިސްޓްރީ ކުރާއިރު މަކަރު ހަދާތީ ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީގެ އަސްލު ގެނައުމަށް މިހާރު އަންގާފައިވާނެ ކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.
ސަން އަށް މައުލޫމާތު ހިއްސާކުރި ކާރު ގެންގުޅޭ ފަރާތްތަކުން ބުނީ ކުދި ގަރާޖުތަކުގައި ނުގަވައިދުން ވެހިކަލް ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށާއި ގަރާޖެއްގައި ވެހިކަލެއް ރަޖިސްޓްރީ ކުރުމަށް މިހާރު ހުއްދަ ދޫކުރަނީ 25000 ވަރަކަށް ހާސް ރުފިޔާއަށް ކަމަށެވެ.
ގަރާޖުތަކުގެ ގަވައިދަށް އަމަލު ނުކުރާތީ ގިނަ ވެހިކަލްތައް ޕާކް ކުރަނީ މަގުމަތީގައެވެ.