އަސްލު ޕީޕީއެމް އަކީ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ތިބި އެޕާޓީގެ މެމްބަރުން ކަމަށާއި އަބަދުވެސް ކުރިއަށްދާނީ ރައީސް ޔާމީނާ އެކު ކަމަށް އެމްޑީއޭ އިން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ، ޕީޕީއެމް ބައިބައިވެ، ދެކަފިވެފައިވީނަމަވެސް ގާނޫނީ ޕީޕީއެމް އަކީ ރައީސް ޔާމީންގެ ޒައާމަތުގެ ދަށުގައި އޮތް ކައުންސިލް ކަމަށެވެ.

"އަޅުގަނޑުމެން ރޭ ކައުންސިލްގެ ފުރިހަމަ އިއްތިފާގަކުން ފާސްވެންދިޔައީ ރައީސް ޔާމީނާ އެކީ 2018 އާ ހަމައަށް ކުރިއަށްދާން،" މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ހިންގުން ކޯޓު ހުކުމަކުން ރައީސް ޔާމީނާ ވަނީ ހަވާލު ކުރެވިފައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވެސް ތަބާވަނީ ކޯޓު ހުކުމަށް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނާ ޕީޕީއެމްގެ ހިންގުން ހަވާލުކުރަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އެމްޑީއޭ އިން ފުރިހަމައަށް ބަލައިގަންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާފަދަ ތަރައްގީއެއް ރައީސް ޔާމީން ވަނީ ގެނެސްދެއްވާފައި ކަމަށާއި މި ވެރިކަމުގައި ބާކީއޮތް ދެ އަހަރު ތެރޭގައި އެމްޑީއޭ އާއި ސަރުކާރާ ގުޅިގެން ރައްޔިތުން ހިނިތުންވާނެ ފަދަ ކަންތައްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މިއަދުގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުމެއް ނެތް. ﷲ އިރާދަފުޅު ކުރެއްވިއްޔާ 2018 ވެސް ލޯކަލް ކައުންސިލް އިންތިޚާބު ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް އަޅުގަނޑުމެން ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކާ އެކު ކާމިޔާބު ކުރާނަން،" މައުރޫފް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ބާރު ސްޕީޑެއްގައި ރާއްޖެ އަންނަނީ ތަރައްގީވަމުން ކަމަށެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަދި ހުސިން މިނިސްޓަރު ޑރ. މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

"މިދިޔަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މީގެކުރިން ނުފެންނަވަރުގެ ތަރައްގީގެ މަސައްކަތްތަކެއް ރައީސް ޔާމީންގެ ލީޑާޝިޕްގައި އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ދުރުވިސްނޭ ސިޔާސަތުގެ ސަބަބުން މިދަނީ ކުރިއަށް. އަޅުގަނޑުމެންނަށް އެކަމުގެ ލާބަޔާ މަންފާ މިދަނީ ފެންނަމުން. އެހެންވީމަ އެމްޑީއޭ އަސާސީ ބޭނުމަކީ އަދި ވިސްނުމަކީ ތަރައްގީ ރައްޔިތުންނަށް ހާސިލުކޮށްދިނުން ކަމުގައިވާއިރު، ރައީސް ޔާމީނާ އެކީގައި އަޅުގަނޑުމެންގެ ޕާޓީން އިޚްލާސްތެރިކަމާއެކީގައި ސާބިތުކަމާއެކީގަ ދެމި އޮތުމަށް އަޅުގަނޑުމެން ތިބީ ތައްޔާރަށްކަން މިދަންނަވަނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.