20 Oct 2016, 18:17
ސްރީލަންކަން އެއާލައިންސްއިން ސްރީލަންކާގެ ކޮލޮމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ކުރާ ސީދާ ދަތުރުތައް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށާނެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް ޓްރެވަލްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދަތުރުތައް ފަށާނަން ޑިސެމްބަރު އެކެއްގައި. ފްލައިޓު ޔޫއެލް119 ކޮލޮމްބޯއިން ނައްޓާލައި، ސީދާ ގަމަށް އަންނާނެ، އަދި ފްލައިޓު ޔޫއެލް120 ގަމުން ކޮލޮމްބޯއަށް ދަތުރުކުރާނެ،" ފިރާގު ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްގެ ޖީއެސްއޭ، އޭސް ޓްރެވަލްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު -- ސަން ފޮޓޯ/ މާހިލް މުހައްމަދު
އޭނާ ވިދާޅުވީ، ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓުތައް، ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަމަށެވެ.
ގަމާއި ކޮލޮމްބޯއާ ދެމެދު، ހަފްތާއަކު ހަތަރު ދަތުރު ކުރާނެއެވެ.
ފިރާގު ވިދާޅުވީ، މިހާރުން ފެށިގެން ވެސް ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތަކުގެ ރިޒަވޭޝަން ހެއްދޭނެ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީ ޕވޓ ލޓޑގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި، ސްރީލަންކަން އެއާލައިންސްއާ އެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ.
އިބްތިޝާމާ ވިދާޅުވީ، އައްޑުއާ ކޮލޮމްބޯއާ ދެމެދު ދަތުރުތައް ފެށިގެން ދިއުމަކީ އެސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެ ދަތުރުތަކާ އެކު ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެ، ދައުލަތުގެ ވިޔަފާރީގެ ދާއިރާއާއި އިގްތިސާދީ ތަރައްގީއަށް އޭގެ ހިއްސާ ކުރާނެ ކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.
ސްރީލަންކަން އެއާލައިންސްގެ ޓިކެޓު ވިއްކާ އޮފީހެއް އައްޑޫގައި ވެސް ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.