09 Jun 2011, 14:25
ކ. މާފުށީ ޖަލުގައި ކުށްވެރިން ގޮވައިގެން ދަތުރު ކުރަން އޮންނަ ދޯނިން، އެ ދޯނީގެ ކެޕްޓަން އިބްރާހިމް ބުޝްރީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމިއްލަ މުދާ އުފުލާފައިވާ ކަމަށް ބުނެ ބުޝްރީގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަޢުވާ ކޮށްދިނުމަށް ޕީޖީއަށް މިދިޔަ އަންގާރަ ދުވަހު ބުޝްރީގެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މާފުށީ ޖަލުގައި ކުށްވެރިން ގޮވައިގެން ދަތުރު ކުރަން އޮންނަ ދޯނީގެ ކެޕްޓަން މާފުށީ ތޯތޯގެ ބުޝްރީ އޭނާގެ އަމިއްލަ މުދާ އުފުލާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި ޑީޕީއާރުއެސްގެ 1 ނަމްބަރު ދޯންޏާ ބެހޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު 30ގައި ކޮށްފައިވާ އިޢުލާންގައި 31 އޮކްޓޯބަރު ވަނަ ދުވަހުން ފެށިގެން އަތުން ހިފައިގެން އަންނަ ދަބަހެއް ނުވަތަ ކޮތަޅެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް އެދޯނިން އުފުލުމަކީ މަނާކަމެއް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް އަންގާފައި ވަނިކޮށް މާފުށީ ތޯތޯގޭ ބުޝްރީ އޭނާގެ އަމިއްލަ މުދާ މާލެއިން މާފުށްޓަށް ގެންގޮސްފައިވާ ކަމަށް އަމިއްލަ އިޢުތިރާފްވެ، ހެކިންގެ ހެކިބަހުން އެނގިފައިވާ ކަމަށެވެ.