އިންޑިއާގެ އެކިއެކި ފަރާތްތަކުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި، އެ މަޝްރޫއަކާ ގުޅޭ ދާއިރާއަކުން ތައުލީމާއި ތަމްރީނު އުނގެނެމުންދާ ދިވެހި ދަރިވަރުން ބައިވެރިވެރި ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ގޮވާލައްވައިފިއެވެ.

އިންޑިއާގެ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީ "ރެނާޓަސް ޕްރޮޖެކްޓްސް"އިން ހުޅުމާލޭގައި ތަރައްގީކުރާ "" އެޕާޓްމެންޓް މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، އަކިލޭޝް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ޚާރިޖީ ގުޅުން ބަދަހި ފަދައިން، ދެގައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ދޭދޭ ގުޅުންވެސް ބަދަހިވާން ޖެހޭ ކަމަށެވެ.

އަދި އެ ގުޅުން، ދެގައުމުގެ ވިޔަފާރިތަކުގެ ދެމެދު ވެސް ފެންނަން ޖެހޭކަމަށް އަކިލޭޝް ވިދާޅުވިއެވެ.

ރެނާޓަސްގެ އިތާ މުތް އެޕާޓްމެންޓުގެ އާކިޓެކްޗާގެ މަސައްކަތް ކޮށްދީފައި ވަނީ ދިވެހި ކުންފުންޏަކުންނެވެ.

އަކިލޭޝް ވިދާޅުވީ އެފަދަ އިތުރު ގުޅުންތައް ދެގައުމުގެ ދެމެދު އުފައްދަން ޖެހޭ ކަމަށެވެ. އެގޮތުން، އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ކުރާ މަސައްކަތުގެ ދާއިރާތަކުން ތައުލީމާއި ތަމްރީނު އުނގެނޭ ދިވެހި ދަރިވަރުން ވެސް އެ މަސައްކަތުގައި ބައިވެރިވެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އަކިލޭޝް އެދިވަޑައިގަތެވެ.

ރެނާޓަސްގެ ޗެއާމަން އާރުޕީ ސެލްވަސުންދަރަމް، ރާއްޖޭގައި ހުންނަވާ އިންޑިއާ އެމްބެސެޑަރ އަކިލޭޝް މިޝްރާ (ވައަތުން ދެވަނަ އަށް)، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭގެ ސީއީއޯ ޝަންކަރު ނާރަޔަން (ވައަތްފަރާތު ފުރަތަމަ އަށް) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދިވެހި ޓްރެއިނީ ދަރިވަރުން ވެސް އެކަންކަން ހިނގާ ގޮތް ބަލައި، އެފަދަ މަސައްކަތްތަކުގައި ބައިވެރިވުމުގެ މަގު ފަހިކުރެވޭނެތޯ ބެލުން މުހިންމު. ދިވެހިރާއްޖޭގެ ޕޮލިޓެކްނިކްސް ފަދަ މަރުކަޒުތަކާ ގުޅުން ބާއްވައި، އެތަންތަނުގެ ދަރިވަރުން އައިސް އަމަލީގޮތުން މަޝްރޫއުތަކުގައި ބައިވެރިވެވުމުގެ އިންތިޒާމު ހަމަޖެއްސިދާނެ،" އަކިލޭޝް ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ރާއްޖެއާ އިންޑިއާއާ ދެމެދު ވިޔަފާރީގެ ކަންކަން ހިނގާތާ އެތައް ހާސް އަހަރެއް ވެދާނެ ކަމަށާއި، ވިޔަފާރިއަށް ވުރެ ބަދަހި ގުޅުންތައް ގާއިމުކުރުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިހާރު، އޭރަށް ވުރެ ބަދަހި ޕާޓްނަޝިޕްތައް ގާއިމުކުރަންޖެހޭ. މި ފުރުސަތުތައް ބަލައި، ދިވެހީންނާ އެކު އޮތް ގުޅުން އެހެން ހަރުފަތަކަށް ގެންދެވޭނެ ފުރުސަތުތައް ބަލަންޖެހޭ،" ރާއްޖޭގައި އުޅޭ އިންޑިއާގެ ވިޔަފާރިތަކާ މުޚާތަބުކޮށް، ސަފީރު ވިދާޅުވިއެވެ.