20 Oct 2016, 14:40
ސަރުކާރުން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗްރަލް ޑައިވަސިފިކޭޝަން ޕްރޮގްރާމްގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ތެރެއިން 48 ފަރާތަކަށް ލޯނު ހަމަޖެހިއްޖެ އެވެ.
އެ ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް އާ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވް ސޮސައިޓީތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ޖުމްލަ 6.9 މިލިއަން ރުފިޔާގެ ލޯނަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އޮގަސްޓްމަހު 22 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ލޯނަށް އެދި 158 ފަރާތަކުން ކުރިމަތިލާފައިވާ އިރު، 48 ބޭފުޅަކަށް ލޯނު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުން އިފްތިތާހު ކުރުމަށް މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ ބޮޑު އަދަދަކީ 400،000 ރުފިޔާ ކަމަށެވެ. އަދި އެންމެ ކުޑަ އަދަދަކީ 100،000 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯނު އިންޓަރެސްޓްގެ ގޮތުގައި ހަ ޕަސެންޓް ނަގަން ނިންމާފައިވާ އިރު، ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނުތައް އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ޕްރޮގްރާމަކީ ވެލިއުޗެއިން ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތައް ވެލިއު އެޑްކުރުމާއި މާކެޓް ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް އާމްދަނީ ލިބޭނެގޮތް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ އެހީގައި މިހާރު ރާއްޖޭގެ އަށް ކޯޕަރޭޓިވް ސޮސައިޓީ ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.