އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ މަޖިލީހަށް ހުށަހެޅި 60 މިލިއަން ރުފިޔާގެ ބަޖެޓު 25 ޕަސެންޓަށް ކުޑަކޮށް، އަންނަ އަހަރަށް ލަފާކުރާ އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު އިއްޔެ މަޖިލީހަށް ހުށަހެޅުމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޮޑިޓާ ޖެނެރަލާ ފިނޭންސް މިނިސްޓަރު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރެއްވި އެވެ. އަދި މާލިއްޔަތު ކޮމެޓީން ނިންމީ އޮޑިޓު އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.

އޮޑިޓު އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރީ 46 މެމްބަރުންގެ ވޯޓުން ނެވެ.

މާލިއްޔަތު ކޮމެޓީން އޮޑިޓު އޮފީހުގެ ބަޖެޓު ފާސްކޮށް ނެރެފައިވާ ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ އޮޑިޓު އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ އަދަދެއް މާލިއްޔަތު ކޮމެޓީއާ މަޝްވަރާ ކުރުމަށްފަހު، ކޮންޓިންޖެންސީ ބަޖެޓުން ދެވިދާނެ ކަމަށެވެ.

އޮޑިޓު އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުން މިއަދު ފާސްކުރިއިރު

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވީ އޮޑިޓު އޮފީހަށް ދެވޭނީ 42 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

މަޖިލީހަށް އޮޑިޓު އޮފީހުން ހުށަހެޅި 60 މިލިއަން ރުފިޔާގެ ބަޖެޓުގައި 35 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ އޮފީހަށް އަންނަ އަހަރު އިތުރު 15 މުވައްޒަފަކު ނެގުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓް އޮފީހުން މަޖިލީހަށް އަންގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އޮޑިޓު ކުރުމަށް 3.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.