އޭޝިއާގެ ދެވަނަ ފަންތީގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ އޭފްސީ ކަޕްގެ ފައިނަލުން އިންޑީއާގެ ބެންގަލޫރު އެފްސީ ދަތުރު ކުރުމާއެކު ދެކުނު އޭޝީއާ ސަރަހައްދުން އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ޓީމުގެ ޝަރަފް އެ ޓީމަށް ލިބެއްޖެ އެވެ.

ބެންގަލޫރުން ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މެލެޝިއާގެ ޖޭޓީޑީ އަތުން 3-1 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 4-2 އިން ކުރި ހޯދައިގެންނެވެ. މެލޭޝިއާގައި ކުޅުނު މެޗު ވަނީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމިފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ލީޑް ނެގީ ޖޭޓީޑީ އިންނެވެ. މެޗުގެ 11 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ މުހައްމަދު ސާފިގްއެވެ.

އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: އޭއެފްސީ

ބެންގަލޫރު އެފްސީ ފަހަތުން އަރާ ތިން ގޯލު ޖެހިއިރު ދެ ގޯލު ކާމިޔާބް ކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި އިންޑިއާގެ ގައުމީ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. ބެންގަލޫރުގެ ތިން ވަނަ ގޯލު ކާމިޔާބްކޮށްދިނީ ޖުއަނަންއެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބެންގަލޫރު އެފްސީއާ ވާދަ ކުރާނީ އިރާގުގެ އަލް ޤުވާ އަލް ޖަވިއްޔާއެވެ. ބެންގަލޫރު އެފްސީއަކީ އޭއެފްސީ ކަޕުގެ އެންމެ ކުރިއަށް ދަތުރު ކުރި އިންޑިއާގެ ފުރަތަމަ ޓީމެވެ.

އެ މުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ކުރިން އޮތީ ރާއްޖޭގެ ނިއު ރޭޑިއަންޓްއެވެ. އެއީ 2005 ވަނަ އަހަރު ބޭއްވި މުބާރާތުގެ ތިން ވަނަ ޓީމްގެ މާގާމާއެކު އެވެ.