20 Oct 2016, 14:56
ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަމުންދާ ރާޑަރު އެހެންތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގްވާމީ ގޮތުން މިއަދު ފާހަގަ ކުރަމުންދާ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އާދިލް ވިދާޅުވީ އެއާޕޯޓްގެ އާ ރަންވޭ އާއި، އާ ޓާމިނަލްގެ މަސައްކަތުގެ ޕްރޮޖެކްޓް ނިމޭއިރު ރާޑަރު މިހާރު ހުރިތަނުން އެހެން ތަަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އާ ރަންވޭ ނިމޭއިރު އަޅުގަނޑުމެން އެބަޖެހޭ މިހާރު ހުރިތަނުން ރާޑަރު ރީލޮކޭޓް ކުރަން. އެހެންވީމަ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެންގެ މި ޕްރޮޖެކްޓް ނިންމައި މިކަންތައް ފުރިހަމަ ކުރަން ޖެހޭ،" އާދިލް ވިދާޅުވި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު އަފްރާހް
އާދިލް ވިދާޅުވިގޮތުގައި ރާޑަރު ބަދަލު ކުރުމުގެ ގޮތުން ކުރަން ޖެހޭ އިދާރީ ކަންތައްތައް މިހާރު ވަނީ ފަށައިފައެވެ. އަމަލީގޮތުން އެ މަސައްކަތް ކުރާނެ ބަޔަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭރިއާ ކޮންޓްރޯލް ސެންޓަރުގެ ނަން މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުގެ ނަމަށް ރީބްރޭންޑް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ބައިނަލްއަގުވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ރަސްމީކޮށް ހުޅުވައި، އެ ސެންޓަރުގެ ނަން އޭރިއާ ކޮންޓްރޯލް ސެންޓަރުގެ ނަމުން މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު (އެމްއޭޓީސީސީ)ގެ ނަމަށް ރީބްރޭންޑް ކޮށްފަ އެވެ. އެ ސެންޓަރުގެ ނަން ބަދަލުކުރައްވައި، ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
މިއަދު ވަނީ އެއާ ޓްރެފިކް ސެންޓަރުގެ ނަން ބަދަލުކުރުމުގެ އިތުރުން އެމްއޭޓީސީސީގެ މުޅިން އާ ސެކްޓާއެއް ވެސް ހުޅުވާފަ އެވެ.