20 Oct 2016, 16:49
ޗެމްޕިއަންސް ލީގުގައި ލުޑޮގޮރެޓްސް ރަޒްގާޑް ކޮޅަށް މުސެޓު އޮޒިލް ހެދި ހެޓްރިކާއެކު 6-0ގެ ބޮޑުތަފާތަކުން މޮޅުވިމެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާގެ ތައުރީފު އޮޒިލަށް ބަންޑުންކޮށްލައިފި އެވެ.
އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފަހު ތިން ގޯލު ކާމިޔާބުކޮށް އޮޒިލް ވަނީ ޗެމްޕިއަންސް ލީގުގައި އޭނޭގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އާސެނަލްގެ ފުރަތަމަ ތިން ގޯލު ކާމިޔާބްކޮށް ދިނީ އެލެސް ސަންޗޭޒް އާއި ތިއޯ ވޮލްކޮޓްގެ އިތުރުން އޮކްސްލޭޑް ޗަމްބަލެއިން އެވެ.
"އޮޒިލަކީ ހަމައެކަނި ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދޭ ކުޅުންތެރިއެއް ނޫން. މިހާރު އޭނާގެ ފަރާތުން ފެންނަ ގޯލުތަކުގެ ސަބަބުން އޭނާ އެ ވަނީ އެންމެ ފުރިހަމަ ކުޅުންތެރިއަކަށް ވެފަ،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.
ވެންގާ ވަނީ ޗެމްޕިއަންސް ލީގުގެ މެޗުގެ ކުރިން ވެސް ވަރަށް ބޮޑަށް އޮޒިލަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ވެންގާ އޭރު ބުނެފައިވަނީ އޮޒިލަކީ އާދައިގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާގެ އެންގުމަށް ގޯލު ޖަހާނެ ކަމަށެވެ.
"އޮޒިލްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެފައިވަނީ އެހެން ކުޅުންތެރިއަކަށް ގޯލު ޖަހަން ފުރުސަތުތަށް ތަނަވަސް ކޮށްދިނުން. އެކަން އޭނާ ވަރަށް ރަނގަޅަށް ކުރަމުންދަނީ،" ވެންގާ ބުންޏެވެ.
ރޭގެ މެޗު ކާމިޔާބު ކުރުމާއެކު އާސެނަލްއަށް ވަނީ ގަދަ 16 ގެ އުންމީދު ވަރަށް ބޮޑުވެފައެވެ. ގުރޫޕް އޭގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިގެން ތާވަލުގެ އެއްވަނާގައެވެ. ފްރާންސްގެ ޕީއެސްޖީއަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.