ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ސަރުކާރަށް ފައިދާވެގެން ދިޔަ ނަމަވެސް އާންމު ރައްޔިތުން އެކަމުގައި އުފުލަންޖެހޭ ތަކުލީފު ބޮޑު ކަމަށް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ތިން މަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތު ހަ މަހަށް އިތުރުކޮށް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ހުށަހެޅުއްވި އިސްލާހަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރައްވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުއްގަފޫރު މޫސާ މިއަދު ވިދާޅުވީ، ކަން ކުރަން އޮންނަ އުސޫލުނޫން އެހެން އުސޫލަކުން އަމަލު ކުރުމުން ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފަލަން ޖެހޭނެ ކަމަށެވެ.

"މިހާރު ވެސް ޖީއެސްޓީ މި ނަގާ އުސޫލުން ބިދޭސީންގެ މުސާރައިން ތިން ޕަސެންޓު ސަރުކާރަށް ދެއްކީމާ ރައްޔިތުންނަށް އިތުރު ތަކުލީފެއް ނުއުފުލާ މިހާރުވެސް ވާން އެބަ އޮތް އިއްޒަތްތެރި ރައީސް. އަޅުގަނޑަކީ މިކަން ފިޒިކަލީ ކުރާ މީހެއް. ތިން ޕަސެންޓެއް ނޫނޭ އިއްޒަތްތެރި ރައީސް މި ދައްކަންޖެހެނީއެއް. އެކައުންޓު ހުޅުވުމަށްޓަކައި ބޭންކަށް އެބަ ދައްކަންޖެހޭ 75 ރުފިޔާ. އެއީ ކޮންމެ މަހަކު އެ ބިދޭސީ މީހާ އެކައުންޓަށް އެ ޖަމާކުރާ ފައިސާ ޓްރާންސާ ކުރަން. އެއީ މި ރެމިޓެންސް ޗާޖުގެ އިތުރަށް ބޭންކުތަކުން ނެގުމަށް ހިޔާލުކޮށްފައިވާ އެއްޗެއް،" ގަފޫރު ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް

ގަފޫރު ވަނީ ރާއްޖޭގައި ބީއެމްއެލްގެ 10 ވަރަކަށް ގޮފި ހުންނައިރު 198ރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ފައިސާ ޖަމާކުރަން ދާނެ ތަނަކާ މެދު މިއަދު ސުވާލު އުފައްދަވާފަ އެވެ.

ހުށަހެޅުނު އިސްލާހަށް ބަހުސް ކުރައްވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ފާސްކުރެވުނު ދުވަހުގައިވެސް ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތަކީ ކުރު މުއްދަތެއް ކަމަށް ގިނަ މެމްބަރުން ވިދާޅުވަމުން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ 10،000ރުފިޔާއިން ފެށިގެން 50،000ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާއަކާ ކުރިމަތިލާންޖެހޭ ހާލަތެއްގައި ކަމަށެވެ.

"އަޅުގަނޑުމެންވެސް ގަބޫލުކުރަން ސަރުކާރަށް އާމްދަނީ ހޯދަންޖެހޭނެކަން. އަދި ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް އެކަން ކުރެވޭ ގޮތަށް އޮތް ކަމަށްވާނަމަ އެކަން އެގޮތަށް ކުރެއްވުމަކީވެސް އަޅުގަނޑުމެން ތާއީދު ކުރާނެ ކަމެއް. އެކަމަކު މި ކުރާ ގޮތާ ކުރެވޭ ގޮތާ އަދި އާމްދަނީ ނެންގެވުމަށްފަހު، އެ އެއްޗެހި ހަރަދު ކުރެވޭ ގޮތާއި އެއާ ބެހޭގޮތުން ދެކެވޭ ވާހަކަތައް ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތު ސަރުކާރަށް ކުރެވޭތީ ރައްޔިތުންގެ ފައިސާ ކަމަށް ބަަލައިގެން ރައްޔިތުންނަށްޓަކައި ރަނގަޅަށް ކަންކަން ނުކުރެވޭތީ އަޅުގަނޑުމެން ޝަކުވާ ކުރަމުންދަނީ،" މާރިޔާ ވިދާޅުވި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ސަން ފައިލް ފޮޓޯ

މަޖިލީހަށް އިސްލާހު ހުށަހެޅުއްވި މެމްބަރު ފައިސަލް ވިދާޅުވީ އެގޮތަށް އެ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ތިންމަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށް ބުނެ ގާނޫނަށް އިސްލާހު ގެނައުމުން ބިދޭސީ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ އެތައް ބިދޭސީންތަކެއް ރާއްޖޭގެ ފަޅުރަށްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއިން ކޮންމެ ރަށެއްގައި ބޭންކުގެ ބުރާންޗުތައް ނުހުރެދާނެ ކަމަށެވެ.

ބިލަށް ބަހުސް ކުރައްވަމުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވިދާޅުވީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ޓެކްސް ނަގަން ނިންމީ ސަރުކާރަށް ފައިދާ ކުރަން ނޫން ކަމަށެވެ.

"ސަރުކާރުން ބިލު އެގޮތަށް ފާސްކުރީ ކޮންމެހެން ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމެއް ނޫން. ރާއްޖޭގެ ކިތައް ބިދޭސީންތޯ ގަވާއިދާ ހިލާފަށް އުޅެނީ. ކިތައް ބިދޭސީންތޯ. މިކަން މަދުކުރަން އަޅުގަނޑުމެންގެ ބޭނުމަކަށްވީ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ރާއްޖޭގައި އެތައް ހާސް ބަޔަކު ގަވާއިދާ ހިލާފަށް ވޯކް ޕާމިޓެއް ވިސާއެއް ނެތި މަސައްކަތް ކުރަމުން ދަނީ،" ޖަމީލް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން: ފޮޓޯ/ މަޖިލިސް

ޖަމީލު އުސްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ މީހާ އިމިގުރޭޝަނުން އަތުލައިގަނެގެން ގެންދިއުމުން އެ ބިދޭސީ މީހާ ރާއްޖެ ގެނައި މީހާ މުސާރައާ އެލަވަންސް ނުދޭ ވާހަކަ ބުނަމުން އަންނަ ކަމަށެވެ.

"އެހެންނަމަވެސް ދަންނަވަންތޯ ކަމުގެ ދެކޮޅު ބަލާލީމަ މި އެނގެނީ ވެރިފަރާތުން ވެސް މުސާރަ ދީފައިވާކަން. އެހެންވީމަ އެކައުންޓަށް ފައިސާ ޖަމާކުރީމަ އެނގޭނެ ދެއްތޯ އިމިގުރޭޝަނަށް ވެސް ކިހިނެއްކަން މި ވަނީ. ބިދޭސީ މީހާއަށް މުސާރަ ދީފަ ހުރިއްޔާ ނުވަތަ ނުދީ ހުރިއްޔާ،" ޖަމީލު ވިދާޅުވި އެވެ.