ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމާނެކަން އެންގުމުން، އެމްއެމްޕީއާރްސީގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން މިއަދު ސިވިލް ކޯޓަށް ހާޒިރުވެއްޖެ އެވެ.

އެ ކުންފުނީގެ ކިބައިން ހޯދުމަށް އެމްއެމްޕީއާރްސީން ދައުވާކޮށްފައި ވަނީ 10.7 މިލިއަން ޑޮލަރެވެ. އެއީ 165 މިލިއަން ރުފިޔާއެވެ.

ދަރަންޏަށް ފައިސާ ދޫކުރުމަށް އެ ކުންފުންނާއި އެސްއޯއެފްއާ ދެމެދު ސޮއިކޮށްފައިވާ "ޕްރޮމިސަރީ ނޯޓު" ތަކަށް އަމަލުކުރާނެ ކަމަށް ނުބެލެވޭ ފަދަ ސަބަބުތަކެއް މެދުވެރިވެފައިވާތީ އެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ދައުވާގައި ވަނީ އެދިފައެވެ.

އެ އެއްބަސްވުންތަކުގެ ދަށުން އެމްއެމްޕީއާރްސީ އަށް އެސްއޯއެފް އިން ދޭންޖެހޭ 10.7 މިލިއަން ޑޮލަރު ދިނުމަށް އިންކާރުކޮށްފައިވާތީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.

މިއަދު ސިވިލް ކޯޓުގައި ކުރިއަށް އޮތީ އެ މައްސަލައިގެ ލިޔުންތައް ދެ ފަރާތުން ބަދަލުކުރުމެވެ. ދެން އޮންނާނީ އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ފައިސާ އަކީ ހަމައެކަނި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިން އެސްއޯއެފް އަށް ދިން ކަމަށް ލިޔެކިޔުމުން އެނގެން ހުރި ފައިސާ އެކަނި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ މައި ހިއްސާރު، މުހައްމަދު އައްލާމް ލަތީފް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ.