20 Oct 2016, 12:43
ކ. ތިލަފުށީ ބޭރުގައި އަޅާފައި އޮއްވާ އިއްޔެ އަލިފާން ރޯވި އާގުބޯޓު، "ބަރޯސާ"ގެ ފަޅުވެރިންގެ ތެރެއިން އެކަކު ސަލާމަތް ނުވެ، ބޯޓާއެކު އެނދިކަމަށް ފަޅުވެރިން ބުނެފި އެވެ.
އިއްޔެ ހެނދުނު ބަރޯސާ ބޯޓުގައި ރޯވި އަލިފާން އަދިވެސް އެއްކޮށް ކޮންޓްރޯލެއް ނުކުރެެވޭތީ، ބޯޓުގެ އެތެރެއަށް ފަޔާ ފައިޓަރުންނަށް ނުވަދެވެ އެވެ. އެހެންކަމުން ގެއްލިގެން އުޅޭ މީހާ ހޯދަން ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ބޯޓުގެ ފަޅުވެރިންގެ ތެރެއިން އެކަކު މަދުވާ ކަމަށް ބުނާތީ، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށާއި އަލިފާން އެއްކޮށް ކޮންޓްރޯލު ނުކުރެވޭތީ އެކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި ދަންނަވަން ދަތި އޭނާއަށް ވީގޮތެއް،" އަދުނާން ވިދާޅުވި އެވެ.
ބަރޯސާ ބޯޓުގައި މަސައްކަތް ކުރާ އިންޑިއާ ފަޅުވެރިޔަކު "ސަން"އަށް ބުނީ ބޯޓުގައި 19 މީހަކު މަސައްކަތް ކުރާ ކަމަށާއި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އޭނާ ނުފެނުނު ކަމަށް. ހަށިގަނޑުވެސް ނުފެނުނު ކަމަށް. ބެލެވެނީ އަނދައިގެން ދިޔައީ ކަމަށް،" ބަރޯސާ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިޔަކު ބުންޏެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިއްޔެ އަލިފާން ރޯވި ބަރޯސާ ބޯޓުން މީހަކު ގެއްލުނު ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.
ބަރޯސާ ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ގެންދާ ބޯޓެކެވެ. މިފްކޯގެ އެ ބޯޓު ވަނީ އަމިއްލަ ކުންފުންޏަކަށް ވިއްކާލާފަ އެވެ.