ޗެމްޕިއަންސް ލީގުގައި ރޭ މެންޗަސްޓާ ސިޓީ ކޮޅަށް ލިއޮނަލް މެސީ ކާމިޔާބު ކުރި ހެޓްރިކާ އެކު 4-0ގެ ނަތީޖާ އަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ ކޭމްޕްނޯގައި ރޭ ސިޓީކޮޅަށް މެސީ ހެދި ހެޓްރިކާ އެކު އޭނާ ވެގެން ގޮސްފައި ވަނީ އަމިއްލަ ދަނޑުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. މުބާރާތުގައި މެސީ ހެދި ހަތް ވަނަ ހެޓްރިކާއެކު އާނާ ވަނީ އަމިއްލަ ދަނޑުގައި 50 ގޯލު ހަމަކޮށްފަ އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމުންދިޔަ ސިޓީގެ ގޯލު 17 ވަނަ މިނެޓުގައި ހުޅުވާލަދިނީ މެސީގެ ގޯލުންނެވެ.

ދެވަނަ ހާފުގައި ސިޓީއަށް މައްސަލަތަކާ ކުރިމަތިވީ 53 ވަނަ މިނެޓްގައި ގޯލު ކީޕަރު ކްލައުޑިއޯ ބްރާވޯއަށް ސީދާ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ސިޓީން އެއް ކުޅުންތެރިއެކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި މެސީ ވަނީ 61 އަދި 69 ގައި ދެ ގޯލު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗުގެ 73 ވަނަ މިނެޓައި ބާސާގެ ޖެމީ މެތިއު އަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ.

ރޭގެ މެޗުގައި ބާސާގެ ފަހު ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ނޭމާއެވެ. އޭގެ ދެމިނެޓް ކުރިން ބާސާއަށް ލިބުނު ޕެނަލްޓީ ވަނީ ނޭމާއަށް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

ރޭގެ މެޗުން މޮޅުވެ ބާސެލޯނާ އޮތީ ގްރޫޕް ސީގެ އެއް ވަނައިގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސިޓީ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރޭ ސެލްޓިކް އަތުން 2-0 އިން މޮޅުވި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އެވެ. އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ސެލްޓިކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.