ކަރަން ޖޯހަރުގެ ފިލްމު 'އޭ ދިލް ހޭ މުޝްކިލް' ދައްކާ ސިނަމާތަކަށް ގެއްލުންދޭނެ ކަމުގެ އިންޒާރު، މަހާރާޝްތުރަ ނަވްނިރްމަން ސެނާ (އެމްއެސްއެން) އިން ދީފި އެވެ.

އިންޑިއާގައި ފިލްމު އެޅުވުމާ ދެކޮޅަށް އެ ޕާޓީން މިހާރު އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. 'އޭ ދިލް ހޭ މުޝްކިލް' ރިލީޒް ކުރުމާ ދެކޮޅު ހަދަމުން އަންނަނީ އެ ފިލްމުގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ހިމެނޭތީ އެވެ.

ކަރަން ޖޯހަރު ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ރަނގަޅު ނުވަނީސް ޕާކިސްތާނު ފަންނާނުންނާއި އެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް 'އޭ ދިލް ހޭ މުޝްކިލް' އިން ފަވާދުގެ ރޯލު އުނި ނުކޮށް، މި މަހުގެ 28 ވަނަ ދުވަހު ފިލްމު ރިލީޒް ކުރާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

އަދި ފިލްމު ރިލީޒް ކުރާ ސިނަމާތަކަށް ގެއްލުމެއް ދީފާނެ ކަމަށް ބަލައި، ފުލުހުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ. ފިލްމު ރިލީޒް ކުރާ ސިނަމާތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.

އެމްއެންއެސް އިން ބުނީ ސިނަމާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 75 ޕަސެންޓަކީ އެ ޕާޓީއަށް ނިސްބަތްވާ މީހުން ކަމަށާއި، ފިލްމު ރިލީޒް ކޮށްފި ނަމަ އެމީހުން އެދުވަހު މަސައްކަތަށް ނުނުކުންނާނެ ކަމަށެވެ.

'އޭ ދިލް ހޭ މުޝްކިލް'ގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ރަންބީރު ކަޕޫރު، އައިޝްވާރްޔާ ރާއީ ބައްޗަން އަދި އަނުޝްކާ ޝަރްމާ އެވެ.