20 Oct 2016, 10:44
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރޭ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅު ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އޮޑިޓު އޮފީހުން އެތައް ރިޕޯޓުތަކެއް ނެރެފައިވާއިރު އެ ރިޕޯޓުތަކުގައި މިނިސްޓްރީން ބޭނުންވާ މައުލޫމާތުތައް ނުހުންނަ ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް. މިސާލަކަށް ކުރީގެ ސަރުކާރުތަކުން ވެސް އެބަހުރި ބައިވަރު ރިޕޯޓުތަކެއް ނެރުއްވާފައި. އަޅުގަނޑަށް މާ މުހިއްމު ފިޔަވަޅު އެޅޭނެ ނިޒާމު ރަނގަޅު ކުރުން. ހަމައެކަނި ރިޕޯޓުތައް ނެރެގެން މައްސަލަތައް ހައްލެއް ނުވާނެ. މައްސަލަތައް ހައްލުވާނީ އެ ރިޕޯޓުތަކުގައި ހުރި ފެންވަރު ރަނގަޅު ކުރެވިގެން،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކުން ވެސް ހަރަދު ކުޑަކުރަން ވިސްނަން ޖެހޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެގޮތުން މުނައްވަރު ވިދާޅުވީ ކައުންސިލުތައް އޮޑިޓުކުރުމުގެ ގޮތުން ދަތުރުފަތުރު ކުރުމަށް ވުރެ ކައުންސިލުތަކުގައި ތިއްބަވާ ފައިނޭންޝިއަލް އެގްޒެކިއުޓިވް ރަނގަޅަށް ޓްރެއިނިން ކުރުވުން މުހިއްމު ކަމަށެވެ.
"ކައުންސިލުތަކުގައި ތިއްބަވާ ފައިނޭންޝިއަލް އެގްޒެކިއުޓިވް ރަނގަޅަށް ޓުރެއިނިންތަކެއް ދީގެން އެބޭފުޅުންނަށް ބޭނުންވާ ކޮލިފިކޭޝަނެއް ދީގެން އެބައި ރަނގަޅު ކުރުން މާ މުހިއްމު. ރާދާދޭން މުޅި އޮޑިޓު އޮފީހުން މުޅި ރާއްޖޭ ކަވާ ކުރެވޭނޭ އަޅުގަނޑުވެސް ނުދަންނަވަން. އޮޑިޓު އޮފީހުން ވިސްނާ ވިސްނުން ވަރަށް ރަނގަޅު. އެއީ ކައުންސިލުތައް އޮޑިޓު ކުރުމަށް އައުޓު ސޯސް ކުރުން. އެއީ ކަންނޭނގެ އަޅުގަނޑަށް ހީވަނީ އެކަން ކަވާ ކުރެވޭނެ ގޮތަކީ،" މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު މުނައްވަރު ވަނީ އެކަމާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި މަސައްކަތް ކުރާ ގޮތްތައް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ.
އޮޑިޓު އޮފީހުން ނެރޭ އޮޑިޓު ރިޕޯޓުތަކުގައި ދައުލަތުގެ ފައިސާތަކަށް އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައިވާ ނަމަ އެކަން ކަމަށް ފިޔަވަޅު އަޅަންޖެހެ އެވެ. އެގޮތުން ދާދިފަހުން ވެސް އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ ދައުލަތަށް ފައިސާ ދެއްކުމަށް ހަ ފަރާތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.