20 Oct 2016, 10:07
ބެއިޖިންގް (އޮކްޓޯބަރ 20) : ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ ގުޅިގެން ޗައިނާ އާއި ޕިލިޕީންސާ ދެމެދު އުފެދިފައިވާ އަރާރުންތަކުގެ މައްސަލަ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނުނަންގަވާނެ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސުން ފުރާވަޑައިގެންނެވުމުގެ ކުޑަތަންކޮޅެއްކުރިން ދެއްވި ބަޔާނެއްގައި ޑުޓާޓޭ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލަ ޗައިނާ އާއި ފިލިޕީންސްގެ ގުޅުންތަކަށް އެޅޭ ހުރަހަކަށް ވިޔަ ނުދެއްވާނެ ކަމަށާއި ޗައިނާގެ ލީޑަރުންނާ އޭނާ ކުރައްވާ މަޝްވަރާތަކުގެ އެޖެންޑާގައި އެ މައްސަލަ ނުހިމެނޭނެ ކަމުގަ އެވެ.
ޑުޓާޓޭގެ ވެރިކަމުގައި ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އޭނާގެ އަރިހުގައި ފިލިޕީންސްގެ އިސް މަސްއޫލުވެރިންގެ އިތުރުން ވިޔަފާރިވެރިންގެ 400 އެއްހާ މީހުންވެސް ގެންދެވި އެވެ. މި ދަތުރުފުޅުން އިގްތިސާދީ ބޮޑެތި ފައިދާތަކެއް ޙާސިލްކުރަން ޑުޓާޓޭ އަމާޒު ހިއްޕަވާފައިވާ ކަމަށް އެގައުމުގެ އިސް މަސްއޫލުވެރިން ވިދާޅުވިއެވެ.
ފިލިޕީންސަކީ އެމެރިކާއާ ޚާއްސަ އަސްކަރީ ގުޅުންތަކެއް ބާއްވައިގެން އެމެރިކާއަށް ބަރޯސާ ވަމުންދިޔަ ގައުމެކެވެ. ނަމަވެސް ފިލިޕީންސްގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް އެމެރިކާ އަޅާލާފައެއްނުވެ އެވެ. ނަތީޖާއެއްގެ ގޮތުން ފިލިޕީންސްވަނީ އިގްތިސާދީ ގޮތުން ވަރަށް ފަގީރު ގައުމަކަށްވެ އިޖްތިމާއީގޮތުން ވެސް ވަރަށް ދަށުދަރަޖައަކަށް ވެއްޓިފައެވެ. މިއާއެކު ގޭންގްތައް އުފެދި ޖަރީމާތައް ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރި އާންމުވުމުގެ ސަބަބުން ގައުމުގެ މުސްތަގްބަލްވަނީ ނޭނގުމެއްގެ ތެރޭގައެވެ.
ޑުޓާޓޭ ވެރިކަމަސް ވަޑައިގެން ޖަރީމާތަކާ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ފެއްޓެވުމުން އެމެރިކާ ވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި އެކަންވެސް ހުއްޓުވަން ފިލިޕީންސަށް ފިއްތުންތައް ކުރިމަތި ކުރަން ފަށާފައެވެ. މިކަމާގުޅިގެން ޑުޓާޓޭ ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމެރިކާއަކީ ނުބައި ނުލަފާ ގައުމެއް (ރޫގް ސްޓޭޓެއް) ކަމަށް ސިފަކުރައްވައި އެމެރިކާއާ އެކު ބާއްވާ އަސްކަރީ ގުޅުންތައްވެސް ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެމެރިކާގެ ބަދަލުގައި ރަޝިޔާ އާއި ޗައިނާއާއެކު ޚާއްސަ ގުޅުންތަކެއް އުފައްދައި އެދެގައުމާ ގާތްވުމުގެ ސިޔާސަތުތަކެއް ގެންގުޅުއްވާނެ ކަމަށްވެސް ޑުޓާޓޭ ވަނީ ވިދާޅުވެފައެވެ.
ފިލިޕީންސަކީ އެމެރިކާއަށް އަސްކަރީ ފަސޭހަތަކެއް ވެސް ދީފައިވާ ގައުމެކެވެ. އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިން ވަރަށް ބޮޑަށް މިފަސޭހަތަކުގެ ބޭނުންކުރަމުން ގެންދެއެވެ. ނަމަވެސް ޑުޓާޓޭގެ އެމެރިކާއާ އިދިކޮޅު ސިޔާސަތުގެ ސަބަބުން މިފަސޭހަތައް ގެއްލުމުގެ ބިރާ އެމެރިކާވަނީ ކުރިމަތިލާންޖެހިފައެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ޗައިނާ ކުރާ ދައުވާއާ ގުޅިގެން މީގެއަހަރުތަކެއް ކުރިން ފިލިޕީންސުން ދަހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަން އަށް މައްސަލަ ހުށަހެޅުމުން އެކަން ބެލުމަށްފަހު އެކޯޓުން ހުކުމްކޮށްފައިވަނީ ފިލިޕީންސްގެ ކޮޅަށެވެ.
މިގޮތުން ދެކުނު ޗައިނާ ކަނޑުގައި މިލްކުވެރިކަމަށް ޗައިނާ ދައުވާކުރާ ސަރަހައްދުގައި ޗައިނާގެ އެއްވެސް ހައްގެއް ނެތް ކަމަށާއި އެއީ ފިލިޕީންސްގެ ހައްގެއް ކަމަށް އެ ކޯޓުން ކުރި ހުކުމްގައިވެ އެވެ. ޗައިނާވަނީ މިހުކުމް ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ޗައިނާއިން އިގްތިސާދީ ފައިދާ ހާސިލްކޮށް ޗައިނާގެ އިންވެސްޓްމަންޓްތައް ހޯދުމަށްޓަކައި މިއަރާރުމުގެ މައްސަލަ ޗައިނާއާ ދެކޮޅަށް މިވަގުތަށް ނުނެގުމަށް ޑުޓާޓޭ ވަނީ ނިންމަވާފައެވެ.
ދެކުނު ޗައިނާ ކަނޑުގައި މިލްކުވެރިކަމުގެ މައްސަލާގައި ފިލިޕީންސާއި ޗައިނާއާ ދެމެދުގައިވާ އަރާރުންތަކުން އެމެރިކާއަށް ފައިދާ ނެގޭނެކަމަށް އެމެރިކާ ދެކެއެވެ. ޚާއްސަކޮށް މިމައްސަލާގައި ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަން އިން ފިލިޕީންސް ކޮޅަށް މައްސަލަ ނިންމުމުން މިމައްސަލާގައި ޗައިނާއާ ދެކޮޅަށް ފިލިޕީންސުން ތެދުވާނެ ކަމަށް އެމެރިކާ އޮތީ އުންމީދުކޮށްގެން ކަމަށާ ނަމަވެސް އެމެރިކާގެ އުންމީދުތައް މިހާރު ފުނޑުފުނޑު ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)