އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ. މިއީ އޮޑިޓު އޮފީހުން މަޖިލީހަށް ހުށަހެޅި 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

އެ އަދަދު އޮޑިޓު އޮފީހަށް ދިނުމަށް ކޮމެޓީން ފާސްކޮށްފައިވާއިރު އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ވަނީ އަންނަ އަހަރަށް ލަފާކޮށް އޮޑިޓު އޮފީހުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން އޮޑިޓު އޮފީހުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި ހަމަ އެ މައްސަައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާ ވެސް އިއްޔެ މާލިއްޔަތު ކޮމެޓީން ވަނީ ބައްދަލުކުރައްވާފަ އެވެ.

މާލިއްޔަތު ކޮމެޓީން އޮޑިޓު އޮފީހުގެ ބަޖެޓު ފާސްކޮށް ނެރެފައިވާ ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ އޮޑިޓު އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ އަދަދެއް މާލިއްޔަތު ކޮމެޓީއާ މަޝްވަރާ ކުރުމަށްފަހު، ކޮންޓިންޖެންސީ ބަޖެޓުން ދެވިދާނެ ކަމަށެވެ.

މާލިއްޔަތު ކޮމެޓީން އެ އަދަދުގެ ބަޖެޓެއް އޮޑިޓު އޮފީހަށް ދިނުމަށް ފާސްކޮށްފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވީ އޮޑިޓު އޮފީހަށް ދެވޭނީ 42 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓުގައި 35 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ އޮފީހަށް އަންނަ އަހަރު އިތުރު 15 މުވައްޒަފަކު ނެގުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓް އޮފީހުން މަޖިލީހަށް އަންގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އޮޑިޓު ކުރުމަށް 3.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.