20 Oct 2016, 01:08
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ތަންފީޒުކުރަމުންދާ އިގްތިސާދީ ސިޔާސަތުތަކަކީ ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ގަބޫލުކުރާ ސިޔާސަތުތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީ، ރެނާޓަސް ޕްރޮޖެކްޓްސްއިން ހުޅުމާލޭގައި އަޅާ 72 ލަގްޒަރީ ފްލެޓު މަޝްރޫއު"އިތާ މުތް"އިފްތިތާހު ކުރުމަށް ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އިންވެސްޓަރުންނަށް މިވަގުތު ރާއްޖޭގައި އޮތް ފަދަ ފަހި މާހައުލެއް މީގެ ކުރިން ދުވަހަކުވެސް ގާއިމުކުރެވިފައި ނުވާނެ ކަމަށެވެ.
"ރައީސް ޔާމީން ވަނީ، ރާއްޖޭގެ އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް ރާއްޖޭގައި އިތުބާރާއި ފަސޭހަކަމާ އެކު އިންވެސްޓް ކުރެވޭ ފަދަ، އިންވެސްޓަރ ފްރެންޑްލީ މާހައުލެއް އުފައްދަވައިދެއްވާފައި،" ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މަޝްރޫއުތަކަށް ވެސް ބޭރުގެ ފަރާތްތަކުން ލޯނުގެ އެހީ ދެމުން ދާ ކަމަށާއި، އެއީ މީގެ ކުރިން ހިނގާފައި ނުވާ ކަމެއް ކަމަށެވެ.
"ބޭންކުތަކަކީ އެންމެ ކޮންޒަވޭޓިވް، އަދި ލިބިދާނެ މާލީ ގެއްލުމަކާ މެދު އެންމެ ކަންބޮޑުވާ އިންވެސްޓަރުން. ދުނިޔޭގައި ވެސް އެންމެ ބޮޑަށް ރެގިއުލޭޓު ކުރެވޭ ގައުމުތަކުގެ އެންމެ ނަން މަޝްހޫރު ބޭންކުތަކުން، ރާއްޖޭގައި ހިނގާ މަޝްރޫއުތަކަށް ދޫކުރާ ލޯނުތައް އިތުރުކޮށްފައިވާ ކުރުމުން ހާމަވަނީ ރާއްޖޭގައި އޮތް އިންވެސްޓަރ ކޮންފިޑެންސްގެ ލެވެލް ހުރި މިންވަރު،"
މިނިސްޓަރު ވިދާޅުވީ އެއީ ރައީސް ޔާމީންގެ ސަރުކާރުގެ ވަރުގަދަ އިގްތިސާދީ އެޖެންޑާގެ ކްރެޑިބިލިޓީއާއި، ބައިނަލްއަގުވާމީ ބޭންކުތަކުން ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކާއި އަސާސުތައް ބަލައިގަންނަކަން ހާމަވާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ހިނގަމުންދާ ބޮޑެތި ބައެއް މަޝްރޫއުތަކަށް ބޭރު ގައުމުތަކުން ދަނީ ބޮޑެތި އަދަދުތަކުން ލޯނުތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ސަރުކާރުން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި، އެހެނިހެން މަޝްރޫއުތައް ވެސް ފާހަގަ ކުރެވެއެވެ.