ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާފައިވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)އާއި އެޕާޓީގެ ތަރުޖަމާނުގެ މަގާމަށް ރައީސް މައުމޫން އައްޔަނު ކުރެއްވި، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ސޮއިކުރައްވައި، އެ ދެ މެމްބަރުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެ ދެ މެމްބަރުންނާ ދެކޮޅަށް ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެއީ ކޮން މައްސަލައެއްކަން ސިޓީގައި ބަޔާން ކޮށްފައި ނުވެއެވެ. އެހެން ނަމަވެސް، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ކަނޑައެޅި ވިޕް ލައިނާ ޚިލާފަށް މި ދެ ބޭފުޅުން ވަނީ ވޯޓު ދެއްވައިފައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ވިޕު ލައިނާ ޚިލާފުވެ، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

ޝުޖާއުއާއި ވަހީދަކީ ޕީޕީއެމްގެ މައުމޫން ފެކްޝަނަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ސުލޫކީ ކޮމިޓީއިން ޝުޖާއުއަށް ފޮނުވި ސިޓީގައި، އޭނާގެ މައްސަލަ ކުރިޔަށް ގެންދިއުމަށްޓަކައި އޭނާގެ ފަރާތުން ކޮމިޓީއަށް އައްޔަނުކުރާ ދެ ބޭފުޅެއްގެ ނަން ފޮނުވުމަށް އެދިފައި ވެއެވެ. އަދި މައްސަލައަށް ޖަވާބުދާރީ ވުމަށްޓަކައި، ބުރާސްފަތި ދުވަހުގެ ހަވީރު 4:30 އަށް ސުލޫކީ ކޮމިޓީއަށް ޝުޖާއު ހާޒިރުވުމަށް ވެސް ސިޓީގައި އަންގައިފައި ވެއެވެ.

ތުލުސްދު ދާއިރާގެ މެމްބަރު ވަހީދަށް އެ ކޮމިޓީން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 އަށް ކޮމިޓީއަށް ހާޒިރު ވުމަށެވެ.

ޕީޕީއެމް ދެ ފެކްޝަނަކަށް ބެހިފައިވާ އިރު، ރައީސް މައުމޫންގެ ރިޔާސަތުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލްއަލީމް އާދަމް ވަނީ އައްޔަނު ކޮށްފައެވެ. އަދި އެޕާޓީގެ، ހުސްވެފައިވާ ނައިބު ރައީސްގެ ދެ މަގާމަށް ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދާއި، ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ވަނީ އައްޔަނު ކޮށްފައެވެ.

ނަމަވެސް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް އައްޔަނު ކޮށްފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކައުންސިލް ބޭއްވި ރޭ ޕީޕީއެމަށް ސޮއިކުރެއްވި، ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން އިގްބާލް އާދަމް އައްޔަނު ކުރިއެވެ.