މޯބައިލް ސެޓަލައިޓް ސާވިސް ފޯރުކޮށްދޭ، ޔޫއޭއީގެ އޮޕަރޭޓަރު ތުރާޔާ ޓެލެކޮމް ކޮމްޕެނީއާއި ގުޅިގެން، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ މަސްވެރިންނަށް މޯބައިލް ސެޓަލައިޓް ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.

އުރީދޫން މިއަދު ބުނި ގޮތުގައި، މި ޚިދުމަތް ފޯޜުކޮށްދިނުމަށް ތުރާޔާއާ އެކު އެކުންފުނިން ވަނީ އެއްބަސްވުމެއް އެކުލަވާލައިފައެވެ.

އަންނަ އަހަރުން ފެށިގެން، ރާއްޖޭގެ ކޮންމެ މަސް ދޯންޏެއްގައި ވެސް ސެޓަލައިޓްގެ ޚިދުމަތް ލިބޭ މުވާސަލާތީ ވަސީލަތެއް ކޮންމެހެން ވެސް ގާއިމުކުރަން ޖެހެއެވެ. އެއީ އާންމު އަދި ނުރައްކާތެރި ހާލަތްތަކުގައި، ކަނޑުމަތީގައި އުޅޭ މަސްވެރިންނަށް މުވާސަލާތީ ޚިދުމަތްތަކުގެ ބޭނުން ކުރެވޭ ގޮތެއް ހަމަޖެއްސުމަށެވެ.

އުރީދޫން ބުނީ، ތުރާޔާއާ އެކު އެކުލަވާލި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސްވެރިންނަށް ޚާއްސަކޮށްގެން، ތުރާޔާގެ ސެޓަލައިޓު ނެޓްވޯކް މެދުވެރިކޮށް ވޮއިސް ޕްރޮޑަކްޓްސްއާއި ބްރޯޑުބޭންޑު ކަނެކްޓިވިޓީ ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުންނާއި އުރީދޫގެ އެންޓަޕްރައިޒް ޓީމު މެދުވެރިކޮށް، ތުރާޔާގެ ސެޓްސްލީވް+ އާއި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ދެ ޑިވައިސްއަކީ ސްމާޓްފޯނުތައް، ސެޓަލައިޓް ފޯނަކަށް ބަދަލުކޮށްދޭ އެޑަޕްޓަރުތަކެކެވެ. ނެޓްވޯކް ލިބުން އުނދަގޫ ހިސާބުތަކުގައި ވޮއިސް ކޯލާއި، އެސްއެމްއެސްއާއި އީމެއިލްގެ އިތުރުން މޯބައިލް އެޕްތައް، މި ޑިވައިސް ބޭނުންކޮށްގެން ސެޓަލައިޓް ނެޓްވޯކު މެދުވެރިކޮށް ބޭނުންކުރެވެއެވެ. އަދި ސްމާޓްފޯނުގެ އެހީއާ ނުލައި އެސްއޯއެސް ސިގްނަލް ފޮނުވޭ ފީޗާއެއް ވެސް މި ދެ ޑިވައިސްގައި ހުރެއެވެ.

އުރީދޫއާއި ތުރާޔާއާ ދެމެދު އުފެއްދި މި ގުޅުމާ ބެހޭގޮތުން، ތުރާޔާގެ ޗީފް ކޮމާޝަލް އޮފިސަރު ބިލާލް އަލް ހަމޫއީ ވިދާޅުވީ، މަސްވެރިންނަކީ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާންޖެހޭ ބަޔަކަށް ވާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމާށެވެ. އެހެން ނަމަވެސް ސެޓަލައިޓް ބޭނުންކޮށްގެން މުވާސަލާތު ކުރެވޭ ވަސީލަތްތައް ފަސޭހައިން ލިބި، އޭގެ ބޭނުންކުރުމުގެ ފުރުސަތު ވަރަށް ފަހާ ޖެހެންދެން ނޫނީ ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާޔާ އިން ފޯރުކޮށްދެނީ އަންލިމިޓެޑް ޑޭޓާ ޕްލޭންތަކާއި، ހަލުވި ސްޕީޑެއްގައި، ފެންވަރު ރަނގަޅު ނެޓްވާރކެއްގައި ފަސޭހަކަމާއި އެކު ބޭނުންކުރެވޭ ވަސީލަތްތަކެއް. އާންމުކޮށް މުވާސަލާތުކުރުމަށް ކުރާ ހޭދަ، ނިސްބަތުން %40 އަށް ތުރާޔާ އިން ދަށްކޮށްލަދޭނެ. ފަސޭހައިން ހެޔޮ އަގެއްގައި ލިބޭ ޓެކްނޮލޮޖީގެ ސަބަބުން، އެންމެ ކުދި ދޯނިފަހަރުގައިވެސް މަސްވެރިންނަށް ފަސޭހަކަމާއި އެކު ވަޒީފާ އަދާކޮށް، މުވާސަލާތުކޮށް އުޅެވޭނެ،" ތުރާޔާގެ ސީސީއޯ ވިދާޅުވިއެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއާ ތުރާޔާ ގުޅިގެން ތައާރަފު ކޮށްފައިވާ މޯބައިލް ސެޓަލައިޓް ޚިދުމަތް މެދުވެރިކޮށް، އުރީދޫގެ ކަވަރޭޖާއި ޚިދުމަތްތައް މަސްވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އުރީދޫއާއި ތުރާޔާ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދެވަނަ ފިޔަވަހި މިއަހަރުގެ ފަހުކޮޅު ކުރިޔަށް ގެންދާނެއެވެ. އެ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 105 އަށް ވުރެ ގިނަ ރިސޯޓުތަކަށް ތުރާޔާގެ މޯބައިލް ސެޓަލައިޓް ސާވިސް ދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.