19 Oct 2016, 22:59
ބުރޫނާއީގައި ހުޅުވި ފުރަތަމަ ގައުމީ އިސްލާމީ ޔުނިވާސިޓީ، ސުލްތާން ޝާރިފް އިސްލާމިކް ޔުނިވާސިޓީގައި ހާއްސަ ތަގުރީރެއް ކުރެއްވުމުގެ ފުރުސަތު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަހީމް ތަގުރީރު ކުރައްވާނީީ، ސުލްތާން ޝާރިފް ޔުނިވާސިޓީގެ ކޮންވޮކޭޝަންގެ ހާއްސަ މެހެމާނަކަށް ވުމަށް ލިބިވަޑައިގެންނެވި ދައުވަތެއްގައި އެގައުމަށް އަންނަ ހޮނިހިރު ދުވަހު ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.
އަންނަ ހޯމަ ދުވަހު އޮންނަ ރަސްމިއްޔާތެއްގައި ޝަހީމް ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ، "ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތު ހިމާޔަތްކުރުން" މި މައުލޫގެ މައްޗަށެވެ.
މިއީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާއި ޝަހީމް ހަވާލުވެލެއްވުމަށްފަހު ޗާންސެލަރުގެ ހައިސިއްޔަތުން ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޝަހީމް މިރޭ ވިދާޅުވީ، ބުރޫނާއީއަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި ސުލްތާން ޝާރިފް އިސްލާމިކް ޔުނިވާސިޓީއާ އެކު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
އޭގެ އިތުރުން، ދަތުރުފުޅުގެ ހަވާސާއިން ބޭރުން ބުރޫނާއީގެ އިސްލާމީ އަދި ޤުރުއާން އިލްމު އުގަންނައިދޭ މުއައްސަސާތަކުގެ އިތުރުން އެކި ފެންވަރުގެ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުރޫނާއީ އަކީ ޤުރުއާނުގެ އިލްމަށް ނުހަނު އިސްކަމެއް ދެއްވާ ގައުމެއްކަމުން، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޤުރުއާނުގެ އިލްމާ ގުޅޭ ސްކޯލޮޝިޕް ފުރުސަތު ހޯއްދެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.