ރާއްޖެއާ މެލޭޝިއާގެ ކުއަލަ ލަމްޕޫރާ ދެމެދު ސީދާ ދަތުރުކުރާ ހަމައެކަނި އެއާލައިން، އެއާ އޭޝިއާއިން ބޮޑެތި ފްލައިޓުތަކުގައި ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެއާ އޭޝިއާއިން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރާއްޖެއާ ކުއަލަ ލަމްޕޫރާ ދެމެދު ދަތުރު ކުރާ އިރު، މީގެ ކުރިން ރާއްޖެއަށް އެ އެއާލައިން ދަތުރުކުރީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކުގައެވެ. އެ ބޯޓުތަކުގެ ސީޓިންގް ކެޕޭސިޓީއަކީ އިކޮނޮމީ ކްލާސްގެ 180 ސީޓު އެކަންޏެވެ.

ނަމަވެސް އެއާ އޭޝިއާއިން މިހާރު ވަނީ ރާއްޖެ ދަތުރުކުރާ ފްލައިޓުތައް އަޕްގްރޭޑުކޮށް، ބޮޑެތި ފްލައިޓުތަކުގައި ދަތުރުތައް ފަށާފައެވެ.

އެއާ އޭޝިއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު އެ އެއާލައިނުން ކުއަލަ ލަމްޕޫރާއި މާލެއާ ދެމެދު ދަތުރުކުރަނީ އެއާބަސް އޭ330 މަރުކާގެ ބޯޓުތަކުގައި ކަމަށެވެ. މި ފްލައިޓުތަކުގައި 377 ސީޓާއި، 12 ޕްރީމިއަމް ފްލެޓްބެޑް ސީޓު ހުންނާނެއެވެ.

މި ފްލައިޓުގައި ހުންނަ ޕްރީމިއަމް ފްލެޓްބެޑް ސީޓުތަކަކީ ޔުނިވާސަލް ޕަވަރ ސޮކެޓުތަކާއި، އެޖަސްޓަބަލް ހެޑްރެސްޓުތަކާއި، ޕްރައިވެސީ ސްކްރީންތަކުގެ އިތުރުން، އިކޮނޮމީ ކްލާހުން ނުލިބޭ ގިނަ ޚިދުމަތްތަކެއް ލިބެއެވެ. މީގެ އިތުރުން 40 ކިލޯގެ ބެގޭޖު އެލަވަންސްވެސް ލިބެއެވެ.

އެއާ އޭޝިއާއިން އޭ330 މަރުކާގެ ފްލައިޓުތަކުގައި ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، ޕްރޮމޯޝަނަލް ފެއާއެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން، ކުއަލަ ލަމްޕޫރާއި މާލެއާ ދެމެދު އިކޮނޮމީ ކްލާހުން ދަތުރުކުރުމަށް 99 ޑޮލަރުގެ ފެއާއަކާއި، ޕްރީމިއަމް ފްލެޓްބެޑުގައި ދަތުރުކުރުމަށް 239 ޑޮލަރުގެ ފެއާ ޓިކެޓު ވަނީ ވިއްކަން ފަށައިފައެވެ. މި ފެއާތައް، އެއާ އޭޝިއާގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް، އޮކްޓޫބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ލިބެން ހުންނާނެއެވެ.

"މެލޭޝިއާއާއި ރާއްޖެއާ ސީދާ ގުޅުވައިދޭ ހަމައެކަނި އެއާލައިނަކީ އެއާ އޭޝިއާ ކަމަށް ވާތީ އެކަމާ މެދު ފަޚުރުވެރިވަން. ދެ މަންޒިލުން ވެސް ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑާ ބައްދަލުކުރުމަށްޓަކައި އަޅުގަނޑުމެން ބޮޑު އެއާލައިނުގައި ދަތުރުތައް މި ފެށީ،" އެއާ އޭޝިއާ ބަރުހާދުގެ ހެޑް އޮފް ކޮމާޝަލްސް، ސްޕެންސާ ލީ ވިދާޅުވިއެވެ.