ﷲގެ މަގުގައި ހެޔޮ ކަމަށް ހަރަދު ކުރުން ނުވަތަ ވަގުފު ކުރިއެރުވުމަށްޓަކާ ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރާއެކު ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މަޝްވަރާ ކުރައްވައިފި އެވެ.

ސައުދީގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ސައާދު ބިން މުފައްރިޖް ހަގްބާނީއާއެކު އިސްލާމިކް މިނިސްޓަރު އެ މަޝްވަރާތައް ކުރެއްވީ، މައްކާގައި އިއްޔެ ފެށި "އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު މިދިޔަ ހޯމަ ދުވަހު ސައުދީއަށް ފެއްޓެވި ދަތުރުފުޅުގަ އެވެ.

ދަތުރުފުޅުގައި މިނިސްޓަރު ޑރ. ޒިޔާދު ވަނީ ސައުދީގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި މައްކާ ވަގުފުގެ ރައީސާއި ޖޯޑަންގެ އިސްލާމިކް މިނިސްޓަރުގެ އިތުރުން މޮރިޓޭނިއާގެ ވަގުފު އޮފީހުގެ ރައީސްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

އިސްލާމީ ގިނަ ގައުމުތަކަކަށް ހުޅުވާލައިގެން އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ "އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް"ގެ ބޭނުމަކީ ވަގްފު މެދުވެރިކޮށް އިސްލާމީ މުޖްތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއެއް ގެނެސްދިނުމަށް މަސައްކަތްކުރުމެވެ.

އެ ކޮންފަރެންސަކީ އިސްލާމީ ގިނަ ގައުމުތަކަކަށް ހުޅުވާލައިގެން ބޭއްވި އެފަދަ ފުރަތަމަ ކޮންފަރެންސެވެ. ކޮންމެ އަހަރަކު އެ ކޮންފަރެންސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ސައުދީގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު އަދި "އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް"ގެ ޗެއާމަން ޑރ. މުފައްރިޖް އިފްތިތާހްކޮށްދެއްވި އެ ކޮންފަރެންސް އިފްތިތާހްކޮށް ދެއްވުމަށްފަހު ވަނީ ސައުދީގެ "ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް" ގެ 2030 ގެ ތަސައްވުރު ހުށަހަޅާފަ އެވެ.

ފިޤްހުވެރިންގެ އިސްތިލާހުގައި ވަޤުފަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން މުދަލުގެ އަސްލު ސަލާމަތް އޮންނަ ގޮތަށް އެއިން މަންފާއެއް ހާސިލްކުރެވޭ ގޮތުގައި ދޭ ދިނުމެވެ.