ޔޫތު ޗެމްޕިއަންޝިފް ފުޓްބޯޅަ މުބާރާތުގެ ފައިނލްގެ ފަހު ޖާގަ ކަށަވަރުކުރުމަށް މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލަނޑެއް ޖަހައި މެޗުގެ ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި 1-3ގެ ނަތީޖާ އަކުން އެޓީމު ބަލިކޮށް ޓީސީ ސްޕޯޓްސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ 26 ވަނަ މިނެޓްގައި މާޒިޔާގެ މުހައްމަދު އިންޝާލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީނޑު ނަގައިދީފައެވެ.

މާޒިޔާ ލީޑްގައި އޮވެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް ޓީސީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރައަށް ވައްދާލައިގެން އިބްރާހިމް ވަހީދު ހަސަނެވެ.

ޔޫތް ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ޓީސީ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ޓީސީއަށް މެޗުގެ ކުރި ލިބުނީ 53 ވަނަ މިނެޓްގައި އަކްމަލް މުހައްމަދު، މާޒިޔާގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

މާޒިޔާއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ޓީސީގެ ފަރާތުން ފުލުފުލުން މާޒިޔާގެ ޑިފެންސަށް ބާރުބޮޑުކުރުމެވެ. އެގޮތުން 65 ވަނަ މިނެޓްގައި ނާއިޒް ހަސަން (ދާދު) މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށްލާފަދިން ބޯޅައެއް މުހައްމަދު އާރާޝް އަސްއަދު ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޔޫތް ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ޓީސީ މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީގެ އައްޔަ އަތުން ބޯޅަ ހޯދުމަށް މާޒިޔާ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުގެ މެޗުގައި ޓީސީގެ ތިން ވަނަ ލަނޑު ޖަހައިދިނީ، މުބާރާތުގައި މިހާތަނަށް މޮޅުކުޅުމެއް ދައްކަމުން އަންނަ ފޯވާޑް އަލީ ހާފިޒް (އައްޔަ)އެވެ. އައްޔަގެ އެ ލަނޑުގެ ކުރިން އޭނާ ވަނީ ޓީސީއަށް ލީޑު އިތުރަށް ފުޅާކޮށްދިނުމަށް ރަނގަޅު ހުސްފުރުސަތެއް ވެސް ތަނަވަސްކޮށްދީފައެވެ. ނަމަވެސް މެދު ރޮނގާ ހަމައިން އައްޔަ ހިފައިގެންދިޔަ ބޯޅަ މާޒިޔާގެ ގޯލު ކުރިމައްޗަށް ހުރުސްކޮލި އިރު މުޅިން ހުސްކޮށް ހުރި ޓީސީގެ ކުންތެރިއާއަށް އެ ބޯޅަ ގޯލަށް އަމާޒުކޮށެއް ނުލެވުނެވެ.

މުބާރާތުގެ ފައިނަލްގައި ޓީސީއާ ދެކޮޅަށް ނުކުންނާނީ، ފުރަތަމަ ސެމީ ފައިނަލްގައި އެޓީމް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ކްލަބް އީގަލްސްއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު 15:50ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.