ކޮމަންވެލްތުން ރާއްޖެ ވަކިވުމާ މެދު ގޮތެއް ނިންމުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕީޕީއެމްގެ ފަސް މެމްބަރަކު ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވައިފިއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ މެމްބަރުންނަކީ ބަރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.

އެ ފަސް މެމްބަރުންގެ އިތުރުން ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އެމްޑީއޭ އަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވެސް ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވިޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ދެކޮޅަށް ވޯޓު ދެއްވީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެކަންޏެވެ. އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވޯޓު ދެއްވާފައި ވަނީ ވެސް ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ދެކޮޅަށެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވާފައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ދެކޮޅަށެވެ.