09 Jun 2011, 12:39
ވިކްޓްރީގެ ޑިފެންޑާ ސޮބާހް މުހަންމަދު (ސޮބާ) ވިކްޓްރީން އެހެން ޓީމަކަށް ބަދަލުވާން ބޭނުން ވެގެން ކުލަބުން ރިލީޒް ހޯދަން އެދިއްޖެ އެވެ. މިކަން ސޮބާ ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ސޮބާ ބުނީ އޭނާ ރިލީޒް ބޭނުން ވެގެން އެދުނީ ވިކްޓްރީގައި މިހާރު އޭނާ އަށް ފުރަތަމަ އެގާރައިން ފުރުޞަތު ނުލިބޭތީ ކުޅުން ގެއްލެމުން އަންނާތީ ކަމަށެވެ. ބޭނުން ވަނީ ކުޅުމުގެ ފުރުޞަތު ލިބޭ ޓީމަކަށް ބަދަލުވާން ކަމަށާއި ޓްރާންސްފާ މުއްދަތަށް ފަހު އެހެން ކުލަބަކުން ފެންނާނެ ކަމަށް ވެސް ސޮބާ ބުންޏެވެ.
ނަމަވެސް ޓްރާންސްފާ މުއްދަތަށް ފަހު ބަދަލުވާނީ ކޮންޓީމަކަށް ކަމެއް ސޮބާ ނުބުންޏެވެ. އަދި އޭނާގެ އެހީތެރިކަމަށް އެދިފައި ވަނީ ކޮންޓީމަކުން ކަމެއް ވެސް ނުބުނެ އެވެ.
ވިކްޓްރީން ރިލީޒް ހޯދަން ސޮބާ އެދިފައިވާ އިރު ޓްރާންސްފާ މުއްދަތުގައި އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ ވީބީއަށެވެ. ވީބީން ބުނެފައި ވަނީ ޓީމުގައި މިހާރު ތިބި ތިންކުޅުންތެރިޔަކު ޓްރާންސްފާ މުއްދަތުގައި ދޫކޮށްލާނެ ކަމަށެވެ. އަދި ބަދަލުގައި ކިރިގިސްތާނުގެ ދެކުޅުންތެރިންނާއި ދިވެހި ކުޅުންތެރިޔަކު ހޯދާނެ ކަމަށް ވީބީން ވަނީ ބުނެފަ އެވެ. ނަމަވެސް ވީބީން ދޫކޮށްލާނެ ތިންކުޅުންތެރިން އަދި ނުނިންމާ ކަމަށް ވެސް އެކުލަބުން ވަނީ ބުނެފަ އެވެ.
"ޓީމުން ދޫކޮށްލާނެ ތިންކުޅުންތެރިން ނިންމާނީ ކޯޗު. އަދި ވަކިބަޔަކު ކޯޗު ނުނިންމާ. ކިރިގިސްތާނު ދެކުޅުންތެރިންނާ އެކު އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައި މިހާރު ވެސް އޮތީ. ޓްރާންސްފާ މުއްދަތުގައި އެދެކުޅުންތެރިން ކުލަބަށް ގެންނާނަން،" ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުންޏެވެ.
ކުރިއަށް އޮތް ޓްރާންސްފާ މުއްދަތުގައި ވަރަށް ގިނަ ކުޅުންތެރިން ކުލަބު ބަދަލުކުރާނެ ކަމުގެ ވާހަކަ މިހާރު ދަނީ ދެކެވެމުންނެވެ. ނަމަވެސް މިހާތަނަށް ރިލީޒް އަށް އެދުނުކަން ކަށަވަރުވެފައި ވަނީ ސޮބާ އެކަންޏެވެ. މީގެއިތުރުން ވީބީގެ ދެކުޅުންތެރިޔަކު ވެސް ރިލީޒްއަށް އެދިފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވެ އެވެ. އެއީ ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) އާއި ބިދޭސީ ފޯވަޑް އަބޫއެވެ.