19 Oct 2016, 19:00
ވެލާނާގެ ކައިރީގައި ހަދަމުންދާ އިމާރާތެއްގެ އަށް ވަނަ ފަންގިފިލާ އިން މީހަކު ވެއްޓި، ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ފުލުހުން ވެސް ވަނީ އެކަން "ސަން" އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިމާރާތުގެ މަތިން ވެއްޓުނީ ބިދޭސީއެއް ކަމަށާއި އޭނާ ވެއްޓުނީ އިމާރާތުގެ ހަތް ވަނަ ބުރިން ތިން ވަނަ ބުރިއަށް ކަމަށެވެ.
ވެއްޓުނު އެ މީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، މިއަދު އިމާރާތަކުން ވެއްޓިގެން އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ، ބަނގުލަދޭޝްގެ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އައްފާލް ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމަށާއި، އޭޑީކޭގެ އައިސީޔޫގައި އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލް ހާމަކުރެވެން ނެތްކަމަށް އައްފާލް ވިދާޅުވިއެވެ.