19 Oct 2016, 22:00
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ، އޮޑިޓާ ޖެނަރަލްގެ އޮފީހަށް އަންނަ އަހަރު ދިނުމަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރު ރިކަރަންޓު އެކްސްޕެންޑިޗާ ދަށް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަން އެގޮތަށް ކުރަން ނިންމީ ލިބޭ އާމްދަނީއާ ކުރާ ހަރަދާ އެއްހަމަ ކުރުމަށް ކަމަށެވެ.
މުނައްވަރު ވިދާޅުވީ، ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުސްތަގިއްލު ކޮމިޝަނުތަކުގެ ބަޖެޓު މިފަހަރު މުރާޖާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭގެތެރޭގައި ވެސް މިނިވަން ކޮމިޝަނުތަކަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރިކަރަންޓު އަދި ކެޕިޓަލް އެކްސްޕެންޑިޗާ ބައެއް އިދާރާތަކަށް ދަށްކުރިއިރު މިނިވަން ކޮމިޝަނުތަކަށް ދަށްކުރި މިންވަރު ކުޑަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
އޮޑިޓު އޮފީހުން ހުށަހެޅި ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ އެ އޮޑިޓު އޮފީހުން 60 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް އެ އޮފީހަށް ދެވޭނީ 42 މިލިއަން ރުފިޔާ ކަމަށެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް އޮޑިޓާ ޖެނެރަލް އޮފީހުން ހުށަހެޅި ބަޖެޓަށް ވުރެ 30 ޕަސެންޓު ބޮޑު ބަޖެޓެއް އެ އޮފީހުން މަޖިލީހަށް ހުށަހެޅި އެވެ. އެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓުގައި 35 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ އޮފީހަށް އަންނަ އަހަރު އިތުރު 15 މުވައްޒަފަކު ނެގުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓް އޮފީހުން މަޖިލީހަށް އަންގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އޮޑިޓު ކުރުމަށް 3.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގައި އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ކައުންސިލްތަކުގެ އޮޑިޓު ކުރުމަށް އޮޑިޓު އޮފީހުގެ ފަރާތުން ދިއުމުން އިތުރަށް ހަރަދު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އެ އޮފީހުގެ ވިސްނުން ހުރީ ކައުންސިލުތަކުގެ އޮޑިޓު ކުރުން އައުޓްސޯސް ކުރުން ކަމަށެވެ.
"ކައުންސިލުތަކުގެ ތެރެއިން 180 ކައުންސިލެއް އޮޑިޓު ކުރަން އައުޓްސޯސް ކުރަން ހިމަނައިގެން އިތުރުވާ އަދަދެއް އެއީ. އަޅުގަނޑުމެން ބެލި ހިސާބުތަކުން އަޅުގަނޑުމެން އަމިއްލައަށް ދަތުރުކޮށްގެން މުވައްޒަފުން އިތުރުކޮށްެގެން ދަތުރުފަތުރުގެ ހަރަދާއި އެކީ ގޮސް ހުރިހާ ކައުންސިލެއް އޮޑިޓް ކުރެވޭ ކަމަށްވާނަމަ މިހާރު ޖަހާފައި އޮތް އަދަދަށް ވުރެ ވެސް އިތުރު ވާނެ،" ޒިޔަތު ވިދާޅުވި އެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ، އޮޑިޓް އޮފީހުގެ ބަޖެޓުން ދަށްކޮށްފައި ވާނީ މުވައްޒަފުން އިތުރު ކުރުމަށް ކަނޑައަޅާފައިވާ ބައިން ކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުފަތުރު ކުރުމާއި އޮފީސް މަރާމާތު ކުރުމުގެ ބައިންވެސް އޮޑިޓު އޮފީހުގެ ބަޖެޓު ކުޑަކޮށްފައިވާނެ ކަމަށެވެ. މުނައްވަރު ވިދާޅުވީ ކެޕިޓަލް އެކްސްޕެންޑިޗާއިން ވެސް ބޮޑުބައެއް އުނިކޮށްފައިވާނެ ކަމަށެވެ.
"އެބޭފުޅުން [އޮޑިޓް އޮފީސް] 60 މިލިއަނަށް ރިކުއެސްޓު ކުރިކަމުގައި ވިއަސް އަޅުގަނޑުމެން އެލޮކޭޝަން މިފަހަރު ހެދިއިރު އަޅުގަނޑުމެން އެލޮކޭޝަން ހަދާފައި ހުންނާނީ 40 މިލިއަނަށް. އެއީ އަޅުގަނޑުމެން މިހާރު ވޯކިން ނަންބަރެއްގެ ގޮތުގައި ގެންގުޅޭ އެމައުންޓު. އެއީ މިއަހަރަށް ފާސްކުރި އަދަދަށް ވުރެވެސް ހަ މިލިއަން ދަށް އަދަދެއް،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރުގެ ވާހަކަފުޅުގައި އޮފީސް މަރާމާތު ކުރުމަށް ގިނަ އަދަދެއްގެ ފައިސާތައް އެކި އޮފީސްތަކުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ބައެއް އޮފީސްތަކުން ކުރަން ނުޖެހޭ ހަރަދުތައް ވެސް ކުރަމުން އަންނަ ކަމަށެވެ.
"އޮޑިޓު އޮފީހުން ވަރަށް މުހިއްމު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމެއް ކައުންސިލުތައް އޮޑިޓު ކުރުމަކީ. އަޅުގަނޑު ދެންނެވިން ވަރަށް މުހިއްމު ކަމެކޭ، އޭގެ ފައިނޭންޝިއަލް އިންފޮމޭޝަން އަޅުގަނޑުމެންނަށް ވެސް ލިބެންޖެހޭ. ނަމަވެސް އޮޑިޓު އޮފީހުގެ ބޭފުޅުން ވިދާޅުވި ވަރަށް އަޅުގަނޑުމެންނަށް ފައިސާ އަންނަ އަހަރު ދޫކުރެވެން ނެތް ވާހަކަ ދެންނެވިން. އެކަމަށް ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެބޭފުޅުން ވެސް ލަފާކުރޭ. ނަމަވެސް އަޅުގަނޑުމެން ދެންނެވިން ދެ މިލިއަން ދެވިދާނެ. އެއީ 40 މިލިއަންގެ ތެރެއަށް އިތުރު ދެ މިލިއަން،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.